އދ އަށް ކަނޑައެޅި ސަފީރު ޑރ. ނަސީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
އަހުމަދު ޝުރާއު
5/23/2024, 4:16:41 AM
ޑރ ނަސީރު އަދި އދ ގެ ސެކެޓްރީ ޖެނެރަލް
ރާއްޖެއިން އދއަށް ކަނޑައެޅި ދާއިމީ މަންދޫބު ޑރ ޢަލީ ނަޞީރު މުޙަންމަދު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއަށް އަރުއްވައިފިއެވެ.
އދ ގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި ކުރު ރަސްމިއްޔާތައްދަހު ސަފީރު ޢަލީ ނަޞީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒުގެ ތަހުނިޔާ އާއި ހޫނު ތަހުނިޔާ ސެކްރެޓަރީ ޖެނެރަލަށް ފޮނުއްވައި، އދ.އާ ގުޅިގެން ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ވިދާޅުވެފައެވެ.
ދިވެހިރާއްޖެއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމަށް، ސަފީރު ޢަލީ ނަޞީރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު ޢައްޔަން ކުރެއްވީ މިމަހުގެ 7 ވަނަ ދުވަހު އެވެ. ސަފީރު އަލީ ނަސީރު އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމުގަ އެވެ. ރައީސް މުއިއްޒު ހުވާކުރުއްވުމުގެ ކުރިން ހާރިޖީ ގުޅުންތަކާ ބެހޭ ޓްރާންސިޝަން ކޮމިޓީގެ މުގައްރިރުކަމުގައި ހުންނެވީ ސަފީރު އަލީ ނަސީރެވެ.
1985 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ޚާރިޖީ ޚިދުމަތާ ގުޅިވަޑައިގެންނެވި ސަފީރު ޢަލީ ނަޞީރު ވަނީ އެ ޚިދުމަތުގައި ރާއްޖެއިން ބޭރުގެ މިޝަންތަކުގައި ތަފާތު މަޤާމުތައް ފުރުއްވާފައިވެއެވެ. އޭގެ ތެރޭގައި ޑިރެކްޓަރ ޖެނެރަލް ފޮރ އެކްސްޓަރނަލް ރިސޯސަސް، ޑިރެކްޓަރ ޖެނެރަލް ފޮރ ޕޮލިޓިކަލް އެފެއާޒް، އެޑިޝަނަލް ސެކްރެޓަރީ ފޮރ ޕޮލިސީ ޕްލޭނިންގ، ރާއްޖޭގެ ފޮރިން ސެކްރެޓަރީ، އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކެނެޑާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު (2017-2019) އަދި ސެކްރެޓަރީ، މަލްޓިލޭޓަރަލް މަޤާމުތައް ފުރުއްވާފައިވެއެވެ.
ސަފީރު އަލީ ނަސީރަކީ އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވާސިޓީން އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ޕީއެޗްޑީ، އިނގިރޭސިވިލާތުގެ ލެސްޓާ ޔުނިވާސިޓީން އެމްއޭ އަދި އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސިޑްނީއިން ގްރެޖުއޭޓް ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.