ހުޅުމާލެ ދެވަނަ ފިޔަވަހި ބީޗުގައި ހުރި ހަޓުތައް ދާއިމީކޮށް ނަގަން އަންގައިފި
އަހުމަދު ސަދޫފް މޫސާ
5/21/2024, 6:24:16 AM
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ހަޓެއް
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަޙައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތަކާއި އެހެނިހެން ތަކެތި ނެގުމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެ ފަރާތްތަކަށް އަންގައިފިއެވެ.
އެކަން އަންގައި އެ ކުންފުނިން އާންމުކުރި ބަޔާނެއްގައި ބުނީ، މި އަންނަ މަހުގެ 15ގެ ކުރިން އެ ސަރަޙައްދުގައި ހުރި ހަޓްތައް ނެގުމަށް ނިންމާފައިވަނީ، އެ ސަރަޙައްދު އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ.
އެޗްޑީސީން ބުނީ އެ ސަރަޙައްދުގައި ވަގުތީ ހަޓްތަކެއް ޖަހައިގެން އަމިއްލަ ގޮތުން ވިޔަފާރިކުރާތީ އެކަމުގެ ކަންބޮޑުވުންތައް އާންމުންގެ ފަރާތުން ލިބޭކަމަށާއި، އެހެންކަމުން ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އެ ސަރަޙައްދު އިތުރަށް ތަރައްގީކޮށް، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލާނެ ކަމަށެވެ.
"މި ސަރަހައްދުގައި ވަގުތީ ހަޓްތަކެއް ޖަހައިގެން އަމިއްލަ ގޮތުން ވިޔަފާރިކުރަމުންދާތީ، އެކަމާ ގުޅޭ ގޮތުން ގިނަ ބައެއްގެ ޝަކުވާ އަންނަނީ ލިބެމުންނެވެ. އަދި ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، މި ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމް ކުރުމަށް މި ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި ސަރަހައްދު ތަރައްގީ ކޮށް ނިމުމުން، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލާނެއެވެ،" ބަޔާނުގައި ބުންޏެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ހަޓެއް.jpeg
އެޗްޑީސީން އިތުރަށް ބުނީ:
- ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަޓްތައް ހަދާފައި ވަނީ އެކިއެކި ވިޔަފާރީގެ ބޭނުނަމަށް ކަމަށް
- އެހެން ނަމަވެސް އެ ސަރަޙައްދަކީ އަދި ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ސަރަހައްދަކަށްވުމުގެ އިތުރުން ވަސީލަތްތައް ގާއިމްވެފައި ނުވާތީ ގިނަ ދަތިތަކެއް ކުރިމަތިވާ ސަރަޙައްދެއް ކަމަށް