ކުރީގެ މެންބަރު މުސްތަފާއަށް މިލިއަނަކަށް ވުރެ ރުފިޔާ ގިނަ ދައްކަން އަކްރަމް ކަމާލުއްދީންގެ މައްޗަށް ޙުކުމްކޮށްފި
އަހުމަދު ސަދޫފް މޫސާ
5/20/2024, 9:21:21 AM
ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަދި ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުސްތަފާ
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްތަފާ އަށް 1.7 މިލިއަން ރުފިޔާ ދެއްކުމަށް، ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
އަކްރަމްގެ މައްޗަށް މި ޙުކުމްކޮށްފައިވަނީ، ކުރީގެ މެންބަރު މުޙައްމަދު މުސްތަފާގެ އަތުން އަކްރަމް ފައިސާނެގުމަށްފަހު، އެ ފައިސާ އަނބުރާ ދެއްކުމަށް ދިން ޗެކުތަކަށް ފައިސާ ލިބިފައިނުވާތީކަމަށް ބުނެ، މުސްތަފާ އެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އެގޮތުން އެ މައްސަލައިގައި މުސްތަފާގެ ފަރާތުން ބުނި ގޮތުގައި އަކްރަމް އޭނާގެ އަތުން ނަގާފައިވަނީ 400،000 ރުފިޔާ އަދި 50،000 ޔޫއެސް ޑޮލަރެވެ. އެހެން ނަމަވެސް އެ ފައިސާތައް އަނބުރާ ލިބިފައިނުވާތީ، ބަދަލުގެ ގޮތުގައި ޖުމްލަ 1.8 މިލިއަން ރުފިޔާ އަކްރަމްގެ އަތުން ނަގައިދިނުމަށް މުސްތަފާ ކޯޓުގައި އެދިފައިވެއެވެ.
އެގޮތުން އޭނާ އެދިފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އަކްރަމްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުން 1.15 މިލިއަން ރުފިޔާގެ ޗެކަކާއި، 300،000 ރުފިޔާގެ ޗެކަކާއި، 200،000 ރުފިޔާގެ ޗެކެއް އަދި 60،000 ރުފިޔާގެ ޗެކެއް ހޯދުމަށެވެ އަދި ޝަރީއަތަށް ޚަރަދުވި 100،000 ރުފިޔާއާ އެކު ޖުމްލަ 1.8 މިލިއަން ރުފިޔާ އެއްފަހަރާ އަކްރަމްގެ އަތުން ނަގައިދިނުމަށް މުސްތަފާ އެދިފައިވެއެވެ.
އެ މައްސަލައިގައި ޖުމްލަ 200،000 ރުފިޔާ އަކްރަމްގެ ފަރާތުން އަސްލަމްއަށް ދެއްކިކަމަށް ކޯޓުން ނިންމިއިރު، ކޯޓުން ނިންމީ ޝަރީއަތުގެ ޚަރަދުގެ ގޮތުގައި ޚަރަދުވިކަމަށް މުސްތަފާ އެދުނު 100،000 ރުފިޔާ ފިޔަވައި ދެން ހުރި ފައިސާތައް މުސްތަފާއަށް ދެއްކުމަށެވެ. އެއީ ޖުމްލަ 1.7 މިލިއަން ރުފިޔާއެވެ.
އެގޮތުން މި އަންނަ ޖުލައި މަހުގެ 19ގެ ކުރިން އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ދަރަނި ޚަލާސްކުރުމަށް އެ ޙުކުމުގައިވެއެވެ.