ގުދުސްގައި ހުންނަ އދ ގެ މައި މަރުކަޒުގައި ޔަހޫދީން ހުޅުޖަހައިފި
އަހުމަދު ޝުރާއު
5/14/2024, 6:03:02 AM
ގުދުސްގައި ހުންނަ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ އެޖެންސީގެ މައި މަރުކަޒުގައި ޔަހޫދީން އަނެއްކާވެސް ހުޅުޖަހައިފި އެވެ.
މިއީ ޔަހޫދީން ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ އެޖެންސީގެ މައި މަރުކަޒަށް ހަމަލާދީން ތިން ވަނަ ފަހަރެވެ. އެގޮތުން ޔަހޫދީން ވަނީ މިދިޔަ ހަފްތާއާއި މި ހަފްތާގެ ކުރީކޮޅުވެސް އެމަރުކަޒުގައި ހުޅުޖަހާފައި އެވެ.
އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދ.ގެ އިދާރާ (ޔޫއެންޑަބްލިއުއާރްއޭ) ގެ ހެޑްކުއާޓާސްގެ ބޭރުގައި ތިބި މުދަލަށް އިސްރާއީލުގެ ވަޒަންވެރިން ވަނީ ގައު އުކައި، އަލިފާން ރޯކޮށްލާފައި އެވެ. މިއަދުގެ ހަމަލާއަކީ މީގެ ކުރިން ދިން ހަމަލާތަކަށް ވުރެ ގެއްލުން ބޮޑު ހަމަލާއެއް ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.
މި މަހުގެ ނުވަ ވަނަ ދުވަހު ޔޫއެންއާރްޑަބްލިއުއޭގެ ކޮމިޝަނަރު ފިލިޕޭ ލަޒާރިނީ ވަނީ ގުދުސްގެ ޝެއިޚް ޖައްރާހް އަވަށުގައި ހުންނަ އެ އެޖެންސީގެ ހެޑްކުއާޓަރު ވަގުތީ ގޮތުން ބަންދުކުރާނެ ކަން އިއުލާން ކުރައްވާފައެވެ.
އދ އިން ޔަހޫދީންގެ އަމަލުތަކާއި ދެކޮޅަށް އަޑު އުފުލަމުން ގެންދާތީ ފަލަސްތީނަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ ވަޒަންވެރިން އަންނަނީ އދ ގެ މުދަލަށް ގެއްލުންތައް ދެމުންނެވެ. ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި މިއީ އިސްރާއީލް ސަރުކާރު އަޑީގައި އޮވެ ކުރުވާ ކަމެކެވެ.