ޔަހޫދީން ހަމަލާތަކަށް ހުއްޓުމެއްނެތް, މިއަދުގެ މިހާތަނަށް އަގްސާ ހޮސްޕިޓަލަށް 45 ހަށިގަނޑު ގެނެސްފި
އަހުމަދު ޝުރާއު
5/12/2024, 1:24:32 PM
އަގްސާ ހޮސްޕިޓަލުގެ ބޭރުގައި ޝަހީދުވި މީހުންގެ އާއިލާތައް
ޔަހޫދީން މިއަދު ޣައްޒާގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުން ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން އަލް އަގްސާ ހޮސްޕިޓަލަށް މިވަގުތާއި ހަމައަށް 45 މީހުންގެ ހަށިގަނޑު ގެނެސްފައިވާ ކަމަށް އެހޮސްޕިޓަލާއި ހަވާލާދީ އަލް ޖަޒީރާއިން ބުނެފި އެވެ.
އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި ޔަހޫދީންގެ ހަމަލާތައް މިއަދު އެންމެ ވަރުގަދައަށް ދެމުން އަންނަނީ ޣައްޒާގެ ދީރް އަލް ބާލާހް އަވަށަށެވެ. މި އަވަށުގެ އިތުރުން ޣައްޒާގެ މެދުތެރޭގެ އެހެން ސަރަހައްދުތަކުގައި ވެސް ޔަހޫދީން ދަނީ ބޮން އަޅަމުންނެވެ.
މި ހަމަލާތަކާއި އެކު ޝަހީދުވި 45 މީހެއްގެ ހަށިގަނޑު މިވަގުތާއި ހަމއަށް އަލްއަޤްޞާ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި ކަމަށް އަލް ޖަޒީރާއިން ބުނެއެވެ. މިއަދަދަކީ ކަންބޮޑުވާ އަދަދެއް ކަމަށާއި މިއައަދު މިއަދު އަދިވެސް އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށް އަލްޖަޒީރާއިން ބުނެއެވެ.
ދީރް އަލް ބާލާގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު އެއަވަށް ހިމެނޭހެން ބޮޑު އާބާދީއަށް ބޭސްފަރުވާގެ ހިދުމަތް މިވަގުތު ދެވެމުން ދަނީ ހަމައެކަނި އަލްއަޤްޞާ ހޮސްޕިޓަލުންނެވެ. ތެލާއި މެޑިކަލް އިކުއިޕްމަންޓާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ލިބުމުގެ ދަތިކަން އެހޮސްޕިޓަލަށް ވަނީ ކުރިމަތިވެފަ އެވެ.
އަލްއަޤްޞާ ހޮސްޕިޓަލަށް އެންމެ ފަހުން ލިބުނު އެހީތަކުގެ ތެރެއިން ލިބުނީ އެންމެ 8،000 ލީޓަރު (2،113 ގެލަން) ތެލެވެ. އެހޮސްޕިޓަލުން ބުނީ އެއީ ދެ ދުވަހުގެ އޮޕަރޭޝަންތަކަށް އެންމެ މަދުން ފުދޭވަރުގެ ތެޔޮ ކަމަށެވެ.
ޔަހޫދީންގެ ހަމަލާތައް ވަރުގަދަކުރަމުން އަންނަ އިރު ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު މިއަދު ވަނީ 35,000 އަށްވުރެ މައްޗަށް އަރާފައި އެވެ. އެގޮތުން އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު އުޅެނީ 35,034 ގައި އެވެ.