ރާއްޖޭގައި ތިބީ އިންޑިޔާގެ 76 ސިފައިން، ސިފައިންގެ ކޮންމެ މީހަކަށް ސިވިލް މީހަކު ގެނެވިއްޖެ: ސަރުކާރު
އަހުމަދު ސަދޫފް މޫސާ
5/11/2024, 8:56:18 AM
އިންޑިޔާ ސިފައިން ރާއްޖޭގައި އޮޕަރޭޓް ކުރި ހެލިކޮޕްޓަރެއް، މީގެ ފަހުން މި ހެލިކޮޕްޓަރު ދުއްވާނީ މަދަނީ މީހުން
ރާއްޖޭގައި ތިބީ އިންޑިޔާގެ 76 ސިފައިން ކަމަށާއި، އެ ސިފައިންގެ ކޮންމެ މީހަކަށް ސިވިލް މީހަކު ގެނެވިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިފާއި ވަޒީރު ޣައްސާން މައުމޫން އަދި ޚާރިޖީ ވަޒީރު ވަނީ އިންޑިޔާ ސިފައިންގެ މައްސަލައިގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.
އެގޮތުން ދިފާޢީ ވަޒީރު ވިދާޅުވީ، ރާއްޖޭގައި ތިބި ސިފައިންގެ ބަދަލުގައި ޕްލެޓްފޯމުތައް އޮޕަރޭޓްކުރަން ސަރުކާރުން ގެނައީ އިންޑިޔާގެ ސިވިލް މީހުން ކަމަށާއި، އެކަން ސަރުކާރަށް ޔަގީން ކުރެވޭ ކަމަށެވެ. އެގޮތުން ސިވިލް މީހުން ގެނެސްފައިވަނީ އިންޑިޔާގެ ކޮންމެ ސިފައިންގެ މީހެއްގެ ބަދަލުގައި އެއް ސިވިލް މީހެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެމީހުންގެ ޕާސްޕޯޓުތަކާއި އެމީހުންގެ ވަނަވަރުތައް ބަލާފައި، އަޅުގަނޑުމެންނަށް އެއީ ސިވިލިއަނުންކަން މިއަދު ދިވެހި ރައްޔިތުންނަށް ދެންނެވޭނެ،" ޣައްސާން ވިދާޅުވިއެވެ.
ދިފާއީ ވަޒީރު އިތުރަށް ވިދާޅުވީ، އެ ސިފައިން ރިޕޯޓު ކުރަން ނުވަތަ ޖަވާބުދާރީ ވާން ޖެހޭނީ އިންޑިޔާގެ އަސްކަރިއްޔާއަސް ނޫން ކަމަށާއި، އެ މީހުން ޖަވާބުދާރީ ވާން ޖެހޭނީ ދިފާއީ ވުޒާރާއަށާއި ދިވެހި ސިފައިންނަށް ކަމަށެވެ.
އެގޮތުން ޚާރިޖީ ވަޒީރު ވެސް ވިދާޅުވީ އިންޑިޔާގެ ސިފައިން އަނބުރާ އެ ގައުމަސް ފޮނުވާލީ އެއްބަސްވުމެއްގެ ދަށުން ކަމަށާއި، އަނބުރާ ރާއްޖެ ގެނައީ ސިވިލް މީހުން ކަމަށެވެ.
އެގޮތުން ރާއްޖޭގައި މީހަރު ތިބީ 76 ސިވިލް މީހުން ކަމަށާއި، އެ މީހުންނަކީ އޮޕަރޭޝަނަށް ބޭނުންވާ ވަރަށް ގެނައި މީހުން ކަމުގައި ވަޒީރު ވިދާޅުުވިއެވެ. ވަޒީރު ވިދާޅުވި ގޮތުގައި އެ 76 ސިވިލް މީހުންނަކީ އައްޑު ގަމުގައި 26 މީހުން، ހދ. ހަނިމާދޫގައި 25 އަދި ލ. ކައްދޫގައި 25 މީހުންނެވެ.