އުތުރު ތިލަފަޅުގައި އިންޑިޔާގެ ސިފައިންނެއް ނެތް: ސަރުކާރު
އަހުމަދު ސަދޫފް މޫސާ
5/11/2024, 8:30:53 AM
އުތުރު ތިލަފަޅު
ސަރުކާރުން ބެލި ބެލުމުގައި އުތުރު ތިލަފަޅުގައި އިންޑިޔާގެ ސިފައިންނެއް ނެތް ކަމުގައި ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ދިފާއީ ވަޒީރު އަދި ޚާރިޖީ ވަޒީރު ވަނީ އުތުރު ތިލަފަޅުގައި ތިބި އިންޑިޔާގެ ސިފައިންނާ ގުޅޭ ޖަވާބުތައް ދެއްވާފައެވެ.
އެގޮތުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، އުތުރު ތިލަފަޅަކީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓަކަށް ވުމުން، އެތަނުގެ މަަސައްކަތް ކުރިއަށްދަނީ ކަނޑައެޅިފައިވާ ގޮތުގެ މަތިން ކަމަށެވެ. އަދި އުތުރު ތިލަފަޅުގައި ތިބި އިންޑިޔާގެ ސިފައިންނާ ގުޅޭ ގޮތުން ޖަވާބު ދެއްވަމުން ދިފާއީ ވަޒީރު ވިދާޅުވީ، ސަރުކާރުން ބެލި ބެލުމުގައި އުތުރު ތިލަފަޅުގައި އިންޑިޔާގެ ސިފައިންނެއް ނެތް ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި، ރާއްޖެއިން ފޮނުވާލައިފައިވަނީ 76 ސިފައިންނެވެ. އެއީ ހަނިމާދޫ, ކައްދޫ އަދި ގަމުގައި ތިބި ސިފައިންނެވެ.
އުތުރު ތިލަފަޅުގައި ސިފައިން ތިބި ކަމަށް ބުނެ އަޑުތައް ފެތުރުނީ، އެތަނުގައި ތިބި އިންޑިޔާގެ ސިފައިންނާ އެކު މުޅި ޖުމްލަ 76 ސިފައިން ރާއްޖެގައި ތިބި ކަމަށް ސަރުކާރުން ބުނުމާ ގުޅިގެންނެވެ.