ދިވެހި ފަސްގަނޑުން 76 ސިފައިން ބޭލުވުމަކީ ދިވެހިންނަށް ލިބުނު ފަޚްރެއް!
އަހުމަދު ސަދޫފް މޫސާ
5/12/2024, 4:39:38 PM
.
ރާއްޖޭގެ ސިޔާސީ މަޝްރަޙުގައި "ވައިގައި" ހިފަނީ އެކި ފަހަރު އެކި މައުޟޫތަކެވެ. އޮޔާއި ވަޔާއި އަދި ވަގުތާއި ސާތުގެ ގޮތުން، އެ ވާހަކައަކީ މިއަދު ދެކެވިފައި، މާދަމާ ނުދައްކާނެ ފަދަ ވާހަކައަކަށް ވެސް ވެއެެވެ. އެހެން ނަމަވެސް މި ފަހަރު މި ދިމާވި މައުޟޫގައި "ހިފާ ދަމާތާ" މިވީ އެތަކެއް މަހެކެވެ. ނަންބަރުން ބުނާ ނަމަ ގާތްގަޑަކަށް އަހަރެކެވެ.
އެންމެ ބޮޑަށް މި ވާހަކަތައް ނުވަތަ މި މައުޟޫގެ ވާހަކަތައް ހޫނުވެ، ކެކި އަރައިގަތީ މިދިޔަ އަހަރު އޮތް ރިޔާސީ އިންތިޙާބާ ދިމާކޮށެވެ. އެ ވާހަކަތައް ހޫނުވި ހިސާބަކީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އޮތް އެ ރިޔާސީ އިންތިޙާބުން، އޭރު ވެރިކަމުގައި އޮތް އެމްޑީޕީއަށް އެ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމެވެ.
ހާސަރުގަނޑު ބޮޑުވި ނަމަވެސް، ގިނަ މީހުންނަށް މި ދެކެވެނީ އިންޑިޔާ ސިފައިންގެ މައްސަލައިގެ ވާހަކަކަން ހަމަ ރަނގަޅަށް ވެސް އެނގޭނެއެވެ. ސިޔާސީ ބޮޑު އޮއިގައި ޖެހި، އެ ވާހަކައިގެ ތެރެއިން އިދިކޮޅު ފަރާތްތަކުގެ ދޮގު ދޮލަނގެއް ނުކުތް ނަމަވެސް، މިއަދުގެ ހަގީގަތަކީ ރާއްޖޭގެ ފަސްގަނޑުގައި ބޭރުގެ ސިފައިންތަކެއް އެބަތިބި ކަމެވެ. ބައެއް މީހުން 2،000 ސިފައިންނޭ ކިޔައިގެން ވާހަކަ ދެއްކި ނަމަވެސް، 76 ސިފައިންނާއި 2،000 ސިފައިންގެ ތަފާތެއް ޚުދު އަޅުގަނޑަކަށް ނުވިސްނެއެވެ. އެއީ ހަމަ ސިފައިންނެވެ. ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ ސިފައިންނެވެ.
އެ ސިފައިންގެ މައްސަލަގައި، އެންމެ ބޮޑު ޒިންމާއެއް ކޮނޑުގައި އެޅުއްވި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ދެއްކެވީ އެކަމެވެ. 76 ސިފައިންނަކީ ވެސް މި ދިވެހި ފަސްގަނޑުގައި ތިބުން ގިނަ އަދަދެއް ކަމެވެ.
މިއަދު ދިވެހިންވީ އެ މައްސަލައިގައި ފަޚްރުވެރިވާށެވެ. ރާއްޖޭގެ އެންމެ ގާތް ގައުމެއްގެ ގޮތުގައި އޮވެމެ، ދެ ގައުމުގެ ދޭތެރޭގައި އެއްވެސް މައްސަލައެއް ފެންމަތިނުވެ އެ ފަދަ ބޮޑު މައްސަލައެއް ދެ ގައުމުން ސުލްޙަވެރިކަމާއެކު، މަޝްވަރާގެ މަތިން ޙައްލުކުރުމަކީ ދިވެހީން އެކަމުގައި ފަޚްރުވެރިވާން ޖެހޭ ކަމެކެވެ. ދިވެހި ރާއްޖެއަށް ވުރެ އެތައް ގޮތަކުން ބޮޑު ގައުމަކާއި އަރާރުން ނުވެ، އިޙްތިރާމާއެކު ދިވެހީންގެ އެދުން ފުއްދައިދިނުމަށް، އިންޑިޔާގެ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ކުރި މަސައްކަތްތަކަކީ ދިވެހީން ފަޚްރުވެރިވާން ޖެހޭ ކަމެކެވެ.
މިއަދު ހަމަ ގައިމުވެސް، ދިވެހީންގެ ފަސްގަނޑެއްގައި ބޭރުގެ ސިފައިންނެއް ޤާއިމްވެގެންނެއް ނެތެވެ. އެއީ ދިވެހި ކޮންމެ ދަރިއަކަށް، ހަމަ ނޭވާއެއް ލައި، ހަމަޖެހިލައިގެން ހިންދަމާލުމުގެ ފުރުސަތު ލިބޭނެ ކަމެކެވެ.