
ރާއްޖޭގެ ދެކުނަށް ހުޅަނގު ފަށައިފި، މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު ވާނެ: މެޓް އޮފީސް
# ވިއްސާރަ# މޫސުމާއިބެހޭ ގައުމީ އިދާރާމޫސުން ގޯސް ދުވަހެއް،--- ފައިލް ފޮޓޯ/ އެމްއެންޑީއެފް
ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މި މަހުގެ ނުވަވަނަ ދުވަހު ހުޅަނގު މޫސުން ފަށާފައިވާ ކަމަށާއި، މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މިއަދު މޫސުމާ ބެހޭ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާ ކަމަށާއި، މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް މި މަހުގެ ނުވަވަނަ ދުވަހު ފެށިފައިވާ ކަމަށެވެ.
އަދި ހުޅަނގު މޫސުމުގެ އެ އަސަރުތައް މެދު ރާއްޖެ ތެރެއަށް ފޯރައި މަސް ނިމޭއިރު މުޅި ރާއްޖެ އަށް ހުޅަނގު މޫސުން ފެށޭ ކަމަށެވެ.
ހުޅަނގު މޫސުން ފެށޭ ކަމަށް ބަލާ މިންގަނޑެއް ކަމުގައި އެ އިދާރާއިން ބުނީ، ވާރޭއަށް ނަމަ، މި މަހުގެ ފުރަތަމަ ދުވަހުގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށް ވުރެ އިތުރަށް ވާރޭ ވެހުން. އަދި މި ހާލަތު ދެ ދުވަހަށް ނުވަތަ އެއަށް ވުރެ އިތުރަށް ދެމިގެން ދިޔުމެވެ.
އަދި ވައިގެ ގޮތުން ނަމަ، ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރަށް ވައިޖެހުން އަދި އެ ހާލަތު ދެ ދުވަހަށް ނުވަތަ އެއަށް ވުރެ އިތުރަށް ދެމިގެން ދިޔުމެވެ.






