ނުގަވާއިދު އަގުތައް ނަގާ ޓެކްސީ ޑްރައިވަރުންގެ މައްސަލަ ޙައްލު ކުރަން ފުލުހުން ނެރެފި
އަހުމަދު ސަދޫފް މޫސާ
5/8/2024, 6:34:49 AM
މާލޭގައި ޓެކްސީތަކެއް
ނުގަވާއިދު އަގުތައް ނުވަތަ ދަތުުރުތަކަށް ބޮޑެތި އަގުތައް ނަގާ ޓެކްސީ ޑްރައިވަރުންގެ މައްސަލަ ޙައްލުކުރުމަށް، ވެލާނާ އެއާޕޯޓު ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މާލެ ސަރަޙައްދުގެ ޓެކްސީ ޑްރައިވަރުންގެ އެކި މައްސަލަތައް ބޮޑުވެފައިވާއިރު، އެ މައްސަަލަތަކަށް ޙައްލު ހޯދުމަށް އެކަންކަމާ ގުޅުން ހުރި އިދާރާތަކުން އެދެވޭ މަސައްކަތްތަކެއް ނުކުރާ ކަމުގެ ޝަކުވާ އާންމުންގެ މެދުގައި އަބަދުވެސް ބޮޑެވެ.
އެގޮތުން ދަތުރުތަކަށް ބޭނުން އަގެއް ނެގުމާއި، ވަކި ތަނަކަށް ނޫނީ ނުދެވުމާއި، ދަތުރުގެ ތެރެއިން އިތުރު ދަތުރުތައް ނެގުން ފަދަ ޝަކުވާތައް މީސް މީޑިޔާގައި އަބަދުވެސް އާންމުން ކުރެއެވެ.
އެގޮތުން މި ފަހުން އަނެއްކާ ވެސް، ވެލާނާ އެއާޕޯޓުން ނަގާ ދަތުރުތަކުން ޓެކްސީ ޑްރައިވަރުން ވަރަށް ބޮޑެތި އަގުތައްް ނަގާ މައްސަލަތައް ފެންމަތިވެ، އެކަމުގެ ޝަކުވާ ޓްރާންސްޕޯޓު މިނިސްޓްރީއަށް ގިނަ ފަރާތްތަކުން ވަނީ ހުށަހަޅާފައެވެ.
އެކަމާ ގުޅިގެން އެ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް އެ ވުޒާރާއިން ފަށާފައިވާއިރު، އެ ފަދަ ޑްރައިވަރުންނާ ހޯދުމަށް ފުލުހުން ވެސް ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ.
އެގޮތުން ފުލުހުން ނެރެފައިވަނީ އެއާޕޯޓު ހިންގާ އެމްއޭސީއެލް، ފުލުހުން އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ އިސްވެރިންނާ އެކު އިއްޔެ ބޭއްވުނު ބައްދަލުވުންތަކުގައި ނިންމުނު އެއާޕޯޓު ޓެކްސީ މެނޭޖްކުރާނެ ގޮތުގެ ޕްލޭނުގެ ދަށުން ކަމުގައި ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުނެފައެވެ.