
ދިވެހި ސަރުކާރު އޮތީ ފަލަސްތީނާއެކު، ނަމަވެސް އިސްރާއީލަށް އެޅޭނެ ފިޔަވަޅެއް ނެތް، ކީއްވެ؟
# ފަލަސްތީން - އިސްރާއިލް# އިސްރާއިލްފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި އަޑު އުފުލައި މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން
ބިމުގެ ގޮތުން ކުޑައެއް ކަމަކު އަދި އާބާދީގެ ގޮތުން މީހުން މަދެއް ކަމަކު، މި ކުޑަ ކުޑަ ރާއްޖޭގެ ދިވެހިން ފަޚްރުވެރިވާ ކަމެއް އަބަދުވެސް އޮވެއެވެ. އެއީ ފަލަސްތީނުގެ ރައްޔިތުންނާ މެދު ޔަހޫދީ ނިރުބަވެރި ދައުލަތުން ހިންގާ ޖަރީމާތަކާ ދެކޮޅަށް، ބާރުގަދަ އަދި ބޮޑެތި ގައުމުތަކަށް ވުރެ، ބައިނަލްއަގުވާމީ މައިދާނުގައި މި ރާއްޖޭގެ އަޑު ގަދަވުމެވެ. ކޮންމެ ގޮތަކަުން ބެލި ނަމަވެސް، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި ދިވެހިންނާއި ދިވެހި ސަރުކާރުގެ ޝާމިލުވުން އޮންނަ ކަމެވެ.

އެހެން ނަމަވެސް އެ ހުރިހާ ކަމަކާއެކު ވެސް، ގިނަ ދިވެހީންގެ ހިތަށް އަރާ ސުވާލެއް އޮވެއެވެ. ފަލަސްތީނުގެ ޙައްޤުގައި އ.ދ އަދި ބައިނަލްއަގުވާމީ ބޮޑެތި ޕްލެޓްފޯމުތަކުގައި ދިވެހި ސަރުކާރުން ވަކާލާތުކުރާއިރު އަދި އެހީގެ ގޮތުގައި ދިވެހިންނަށް ވެވޭ ވަރަކުން އެހީ ފޮނުވާއިރު ވެސް، އިސްރާއީލުގެ ރައްޔިތުންނާ މެދު ދިވެހި ރާއްޖެއަށް އެޅޭނެ ފިޔަވަޅެއް ހަމަ ނެތީތޯއެވެ. އެންމެ މުހިންމު ކަމަކަށް، އިސްރާއީލުގެ ރައްޔިތުން ދިވެހި ރާއްޖެއަށް ވަނުން މަނާ ކުރުމާ ގުޅޭ ގޮތުން، އެއްވެސް ސަރުކާރަކުން މާ ބޮޑު ފިކުރެއް ނުގެންގުޅުމާ ގުޅޭ ގޮތުންނެވެ.
ފަލަސްތީނުގެ މި މައްސަލައަކީ އިއްޔެއަކު ނުވަތަ މިއަދަކު ފެށުނު ކަމަކަށް ނުވާއިރު، އެ މައްސަލައިގައި އާންމުންގެ ޕްރެޝަރުތަކުގެ ސަބަބުން ކޮންމެ ސަރުކާރަކުން ވެސް ބޮޑެތި ބަޔާންތައް ނެރެއެވެ. މި ފަހުން އިސްރާއީލުގެ ރައްޔިތުން ދިވެހި ރާއްޖެއަށް ވަނުމަށް ހުރަސް އެޅުމަށް އެދި ނުވަތަ އިސްރާއީލުގެ ރައްޔިތުންގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެދި ޤަރާރެއް ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއެވެ.
އެ ގަރާރުގައި ބުނާ ގޮތުން، އިސްރާއީލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމާއި އިސްރާއީލުގެ އުފައްދާ އަދި އެ ގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް އެތެރެކުރުން މަނާ ކުރުމާއި އިސްރާއީލާއި ދިވެހިރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާ ނަމަ އެފަދަ އެންމެހާ ގުޅުންތަކެއް ވަގުތުން މެދުކަނޑައިލުމަށް ވަނީ ގޮވާލާފައެވެ. ހުސްވި އޭޕްރީލް މަހުގެ އެއްވަނަ ދުވަހު އެ ގަރާރު ވަނީ ރާއްޔިތުންގެ މަޖިލީހުން ފާސްކޮށްފައެވެ.
މިއާއެކު، އެ ގަރާރަށް ޢަމަލު ކުރުމުގެ ފަހު ފުރުސަތު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ހިސާބުން ފަހިވެފައިވާއިރު، އަދި އަދަށް ވެސް އެ ގަރާރުގެ ވާހަކައެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެކަމަކީ ދިވެހިން ކަންބޮޑުވާ ކަމެކެވެ.
ފަލަސްތީނުގެ މައްސަލައިގައި އެހެން ގައުމުތަކެއްގެ ސަރުކާރުތަކުން ފިޔަވަޅު ނޭޅުމަކީ، ރާއްޖޭގެ ސަރުކާރުން އެކަމުގައި ފިޔަވަޅު އަޅަން ނުޖެހޭ ސަބަބެއް ނޫނެވެ. ފާއިތުވި ދެ ހަފުތާއެއްގެ ތެރޭގައި މި ސަރުކާރުގެ ދެ ވަޒީރަކު، ބައިނަލްއަގުވާމީ ބޮޑު ދެ ޕްލެޓްފޯމެއްގައި ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި އަޑު އުފުލައި ވާކާލާތުކޮށްފައިވާއިރު، ދިވެހި ރައްޔިތުން އެދޭ ގޮތަށް، އަދި އެ ގަރާރާ އެއްގޮތަށް ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން ރާއްޖެއަށް އަންނަ ފަތުރުވެރިންނާއި، ރާއްޖެއަށް އެތެރެކުރެވޭ އެއްވެސް ބާވަތެއްގެ އުފެއްދުންތަކާ މެދު ޢަމަލުނުކުރެވެންވީ ސަބަބެއް ނެތްތާއެވެ.
ސަރުކާރުގެ ސްޓޭންޑް ބައިނަލްއަގުވާމީ މައިދާނުގައި ސާފުކޮށްދޭ ބީދާއިން، ދިވެހިންގެ މި ފަސްގަނޑުގައި ދިވެހިންނަށް ވެސް އެކަން ސާފުކޮށްދޭންވީ ނޫންތޯއެވެ. އިސްރާއީލުގެ ރައްޔިތުން، މި ރާއްޖޭގެ ދޮންވެލި ތުނޑިތަކާއި، ދިވެހި ރުށްތަކުގެ ނިވަލުގައި ތިބެ، ދިވެހި ރަށްތަކުގައި އަރާމުކުރާކަށް ދިވެހީންނެއް ނޭދެއެވެ. އެ މީހުންނަށް ވާގިވެރިވާ ފަރާތްތަކުގެ އުފެއްދުންތައް، މި ދިވެހި އިގްތިސާދުގެ ތެރޭގައި ދައުރުވާން ވެސް ދިވެހީންނެއްނޭދެއެވެ.
ގުޅުންހުރި

ޔަހޫދީ ސިފައިންގެ ބަޑީގެ ހަމަލާތަކެއްގައި ޣައްޒާގެ ތިން މީހަކު ޝަހީދުވެއްޖެ

ޣައްޒާގެ ރައްޔިތުންނަށް ހަމަލާދެމުންދިޔަ ޔަހޫދީންގެ ޓޭންކަރަކަށް ހަމާސްގެ ބޮޑު ހަމަލާއެއް: ޔަހޫދީ ސިފައިންތަކަށް ބޮޑެތި އަނިޔާތަކެއް!

ޔަހޫދީން ސީރިއާގެ އަސްކަރީ އެއާބޭސްއަކަށް ބޮން އަޅައި ސުންނާފަތިކޮށްލައިފި
