
އައްޑޫގެ ފެން ޕްލާންޓްގެ ކެޕޭސިޓީއަށް ވުރެ ބޭނުންކުރާ މިންވަރު ގިނަ، މައްސަލަ ޙައްލު ކުރަން އަޕްގްރޭޑްކުރަނީ
# އައްޑޫ ސިޓީ# ފެނަކައައްޑޫ ސިޓީ --- ފޮޓޯ/ އަވަސް
އައްޑޫގެ ފެން ޕްލާންޓުން އުފައްދާ ފެނަށް ވުރެ، ފެން ބޭނުންކުރާ މިންވަރު އިތުރުކަމަށާއި، އެކަން ޙައްލު ކުރުމަށް އެ ޕްލާންޓް އަޕްގްރޭޑް ކުރުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށް ފެނަކައިން ބުނެފިއެވެ.

އައްޑޫގެ ފެނުގެ މައްސަލައާ ގުޅިގެން ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގެ އާބާދީ ބޮޑުވުމާއެކު ފެން ބޭނުންކުރާ މިންވަރު އިތުރުވަމުންދާކަމަށާއި، އެހެން ކަމުން މިހާރު އިންސްޓޯލްކޮށްފައިވާ ޕްލާންޓުން އުފެއްދޭ ފެނަށްވުރެ ބޭނުންކުރާ ފެނުގެ ނިސްބަތް އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި އެ ޕްލާންޓު މަރާމާތުކޮށް، ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރެވިފައި ނެތުމުގެ ސަބަބުން އެ ސިޓީގެ ފެން ޕްލާންޓުގެ ޙާލަތު ދަށަށް ގޮސްފައިވާ ކަމުގައި ފާހަގަ ކުރަމުން އެ ބަޔާނުގައި ބުނީ، މިހާރު އެ ޕްލާންޓު އަޕްގްރޭޑް ކުރުމުގެ އެއް އަހަރުގެ ޕްރޮޖެކްޓެއް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެއާއެކު އެ ސިޓީގެ ފެނުގެ މައްސަލައަށް ޙަލެއް ލިބޭނެ ކަމުގައި ފެނަކައިން އެ ބަޔާނުގައި ބުންޏެވެ.
އަދި މިހާރު ވެސް ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތްތައް އެ ކުންފުނިން ކުރާ ކަމުގައި ވެސް އެ ކުންފުނިން ބުންޏެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ޚީިދުމަތް ނުލިބުމާއި ޕްރެޝަރުގައި ފެން ނުލިިބުމުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. އެގޮތުން މިހާރު އެގޮތުގައި އައްޑޫގެ ރައްޔިތުން ދިރިއުޅޭތާ މަހެއް ވެއްޖެ ކަމުގައި އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވެސް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.