އީސީގެ މެމްބަރުންނަށް އިނާޔަތާއެކު ރިޓަޔާވެވޭގޮތަށް ގެނައި އިސްލާހު ބާތިލުކޮށްފި
އަހުމަދު ޝުރާއު
5/5/2024, 6:40:32 PM
އީސީގެ މެމްބަރުން
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މުވައްޒަފެއްގެ މަގާމުގައި ހުރުމަށްފަހު މެމްބަރުކަމަށް އައްޔަނުވެ ދެ ދައުރު އަދާކޮށްފައިވާ ނަމަ، އިނާޔަތާއެކު ރިޓަޔާވެވޭ ގޮތަށް ގަވައިދަށް ގެނައި އިސްލާހު އުވާލައިފިއެވެ.
އީސީން ބުނީ އިސްލާހު އުވާލީ ފިނޭންސް މިނިސްޓްރީން އެންގުމުން މިއަދު ކަމަށެވެ. އެ މިނިސްޓްރީން އެންގި އެންގުމުގައި ބުނެފައިވަނީ މުވައްޒަފެއްގެ މަގާމުގައި ހުރެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަނުވުމުން ރިޓަޔާކުރާއިރު، ވަޒީފާގައި ދެމި ހުރި މުއްދަތުން ފަށައިގެން މެމްބަރު ކަމުގެ މުއްދަތު ގުނައި، ދަރަޖަ ކަނޑައެޅައިގެން އިނާޔާތް ނުދެވޭނެ ކަމަށެވެ.
އެ އުސޫލުގައިވާ ގޮތުން، ރިޓަޔާކުރުމުގެ ދަރަޖައާ އެކު ވަޒީފާ އިން ވަކިކުރެވޭނީ އުމުރުން 55 އަހަރު ފުރި، އީސީ އަށް މަދުވެގެން 15 އަހަރު ހިދުމަތް ކޮށްފައިވާ ނަމަ އެވެ. ކޮމިޝަންގައި ވަޒީފާ އަދާކުރަމުން ދަނިކޮށް އީސީގެ ކޮމިޝަނަރަކަށް އައްޔަން ކޮށްފި ނަމަ، ރިޓަޔާކުރާއިރު ހިދުމަތުގެ މުއްދަތު ބަލާނީ އެ އަހަރުތައް ވެސް ހިމަނައިގެންނެވެ.
އީސީ އިން އުވާލި ގަވައިދުގައި ވާގޮތުން ރިޓަޔާ ކުރެވޭ ކޮންމެ މުވައްޒަފަކަށް އެއް ފަހަރާ ގަނޑުކޮށް ދެވޭ ފައިސާގެ އިނާޔަތެއްގެ ގޮތުގައި އެ މީހަކު ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރަ އާއި ހިދުމަތް ކުރި އަހަރު ގުނަކުރުމުން ޖެހޭ އަދަދަށްވާ ފައިސާ އެއް ފަހަރާ ލިބުމުގެ އިތުރުން ވަޒީފާ އިން ރިޓަޔާ ކުރާ ކޮންމެ މީހަކަށް މަހުން މަހަށް އެ މީހެއްގެ މުޅި އުމުރަށް ދެވޭ އިނާޔަތެއްގެ ގޮތުގައި އެ މީހަކު އެންމެ ފަހުން ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައިގެ 75 ޕަސަންޓް ރިޓަޔާމަންޓް ޕޭގެ ގޮތުގައި ދޭ ގޮތަށެވެ.
މީގެއިތުރުން އުމުރު ހަމަނުވި ނަމަވެސް އީސީގައި ވަޒީފާ އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ މުވައްޒަފަކު ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކޮށްފިނަމަ އެ މެންބަރެއްގެ ދައުރު ހަމަވިއިރު 10 އަހަރު ދުވަސް ކޮމިޝަނަށް ހިދުމަތް ކޮށްފައިވާނަމަ ރިޓަޔާމަންޓް އިނާޔަތް ލިބޭނެ ކަމަށްވެސް އީސީ އިން އުވާލި ގަވައިދުގައި ވެއެވެ.
އީސީ ގެ މުވައްޒަފެއްގެ މަގާމުގައި ހުރުމަށްފަހު މެމްބަރުކަމަށް އައްޔަނުވެ ދެ ދައުރު އަދާކޮށްފައިވާ ނަމަ، އިނާޔަތާއެކު ރިޓަޔާވެވޭ ގޮތަށް ގަވައިދަށް އިސްލާހު ގެނައީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.