
ހުޅުމާލެ
މީޑިޔާތަކުގެ އޮފީސްތައް ގާއިމްކުރުމާ މީޑިޔާ ވިލެޖަށް ބޭނުންވާ ބިން، ހުޅުމާލެއިން ހަމަޖެހިފައިވާ ކަމަށް ނައިބު ރައީސް ހުސައިން ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް އެފަދައިން ވިދާޅުވީ އިއްޔެ ފާހަގަ ކުރި ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް) ގެ ހަތް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައިއެވެ. އެގޮތުން ނައިބު ރައީސް ވިދާޅުވީ، ސަރުކާރުން ނޫސްވެރިންގެ ޚިދުމަތުގެ އަގު އަބަދު ވެސް ވަޒަން ކުރާނެ ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ، ނޫސްވެރިންނާއި މީޑިޔާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކުރިއެރުމަށް ހުރި ދަތިތައް އިހްސާސުކުރެވޭ ކަމަށާއި، އެކަންކަމަށް ޙައްލު ހޯއްދެވުމަށްޓަކައި މަސައްކަތްތައް ފެއްޓެވުމަށްޓަކައި ރިޔާސީ އިންތިޙާބު ކާމިޔާބުކުރެއްވުމަށްފަހު ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންގެ ކަންބޮޑުވުންތައް އޮޅުން ފިލުއްވިކަމަށެވެ.
"2023 ގެ ރިޔާސީ އިންހާބު ކާމިޔާބު ކުރެއްވުމަށްފަހު، ރައީސް މުއިއްޒު އިންތިގާލީ މަރުޙަލާގެ ތެރޭގައި، ނޫސްވެރިންނާ ބައްދަލުކުރައްވުމަކީ، ފުރަތަމަ ފަހަރަށް ރާއްޖޭގެ ރައީސަކު ނޫސްވެރިންނާ ގާތް ގުޅުމެއް އުފެއްދެވުމަށްޓަކައި މަސައްކަތްޕުޅު ކުރެއްވިތަން ފެނިގެންދިޔަ ކަމެއް. އެ ބައްދަލުކުރެއްވުމުގެ ތެރެއިން ނޫސްވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި، އެކަންކަމަށް ހައްލު ހޯއްދުމަށް މަސައްކަތް ފެށުނު،" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ފާހަގަ ކުރެއްވީ އިންތިޤާލީ މަރުހަލާގެ ތެރޭގައި އޭރުގެ އިންތިޙާބީ ރައީސެއްގެ ހައިސިއްޔަތުން، ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި "ނޫސްވެރިންގެ ގުންޒަރު" ހަރަކާތުގެ ވާހަކައެވެ. އެ ހަރަކާތަކީ މީޑިޔާ ވިލެޖެއް އުފައްދަވައި، ނޫސްވެރިންނަ ހިލޭ ސްކޯލާޝިޕްތަކެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ހަރަކާތެވެ.
އެގޮތުން މީޑިޔާ ވިލެޖުގެ ވާހަކަތައް ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، ރައީސްގެ އެ ވައުދުފުޅާ އެއްގޮތަށް ހުޅުމާލެއިން ބިން ހަމަޖެހިފައިވާ ކަމަށާއި، މީޑިޔާތަކުން ބޭނުންވާ ގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެެއްސުމުގެ މަސައްކަތް ވެސް ވަނީ ފެށިފައި ކަމަށެވެ.
" ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހުޅުމާލެއިން މިހާރު ބިމެއް ހަމަޖައްސަވާފައިވަނީ. މީޑިއާތަކުން ބޭނުންވާގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފެށިފައިވަނީ،". ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް މީޑިޔާތަކުގެ ހިންގުމަށް އޮތް ގޮންޖެހުމަށް ޙައްލެއް ގެނައުމުގެ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށާއި، އޭގެ ތެރެއިން ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފުރަތަމަ ފަހަރަށް ކޮންމެ މީޑިއާއަކަށް ކޮންމެ ވެސް މިންވަރެއްގެ މާލީ އެހީ ހަމަޖެއްސޭނެ ކަމަށެވެ.
ގުޅުންހުރި

ގްލޯބަލް ގަވަމަންޓް އެކްސެލެންސް އެވޯޑްގެ ޕްލެނަރީ ސެޝަންގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

ވޯލްޑް ގަވަމަންޓްސް ސަމިޓް 2025ގެ ޕްލީނަރީ ސެޝަންގައި ނައިބު ރައީސް ބައިވެރިވެޑައިގަންނަވައިފި

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ޔޫއޭއީއަށް!
