
--
މާރިޗް މަހު ޒަކާތު ފަންޑުން 59 މީހަކަށް ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޒަކާތު ފަންޑުގެ ހަރަދުތަކުގެ ރިޕޯޓް މިހާރު އާއްމުކޮށްފައިވާއިރު, ބޭސްފަރުވާގެ އިތުރުން ސްކޮލާޝިޕް ފުރުސަތުވެސް މި ފަންޑުގެ އެހީގައި ވަނީ ފޯރުކޮށްދީފައެވެ.
ބޭސްފަރުވާއަށް އެހީދިފައިވަނީ މައިގަނޑުގޮތެއްގައި 4 ދާއިރާއަކަށެވެ. އެއީ, ކެންސަރު, ހިތުގެ ބަލި, ޓްރާންސްޕްލާންޓް, އަދި ސިކުނޑީގެ އޮޕަރޭޝަން އެވެ.
ޒަކާތުފަންޑުން ދީފައިވާ އެހީ ;
ކެންސަރ- 190،882.5ރ.ހިތުގެ އޮޕަރޭޝަން- 8،481ރ.ޓްރާންސްޕްލާންޓް- 25،443ރ.ސިކުނޑީގެ އޮޕަރޭޝަން- 180،407.50ރ.އެހެނިހެން- 279،872.50ރ.
ޒަކާތު ހައުސްއިން ބުނެފައިވާ ގޮތުގައި މާރިޗުމަހު އެހީގެ ގޮތުގައި 685،026.19 ރުފިޔާ ހަމަޖެހިފައި ހުރި ނަމަވެސް އެހީގެ ގޮތުގައި 878،682.88 ރުފިޔާ ޚަރަދު ކުރެވުނު ކަމަށެވެ. މި ޚަރަދުތަކުގެ ތެރޭގައި މިއަހަރުގެ ފެބްރުއަރީމަހު އެހީ ހަމަޖެހިފައިވާ މީހުންނަށް ފޯރުކޮށްދިން އެހީވެސް ހިމެނޭކަން ޒަކާތު ހައުސްއިންވަނީ ފާހަގަކޮށްފައެވެ.
ޒަރޫރީ އެހީގެ ގޮތުގައި ޒަކާތު ފަންޑުން އެހީ ފޯރުކޮށްދެނީ ހާއްސަ ހާލަތްތައް މެދުވެރިވެގެން ހާލުގައި ޖެހޭ ފަރާތްތަކަށެވެ. އެގޮތުން، މިދިޔަ މާރިޗު މަހު އެފަދަ ފަރާތްތަކަށް ޖުމްލަ 17،207.65 ރުފިޔާ ޚަރަދު ކުރިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން 2018 ވަނަ އަހަރު ސްކޮލަރޝިޕް އެވޯޑު ކުރެވިފައިވާ ދަރިވަރުންގެ ތެރެއިން ކިޔަވަމުންދާ ދަރިވަރަކަށް ކޯސް ފީ އަދި ސްޓައިޕެންޑް ދިނުމަށް 44،563.80 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި އިދާރީ މުވައްޒަފުންގެ އުޖޫރައިގެ ގޮތުގައި ޚަރަދު ކުރެވިފައިވަނީ 374،950.28 ރުފިޔާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
"ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެކެވެ. އެމަނިކުފާނު މި އިދާރާ އުފެއްދެވީ 18 ޑިސެމްބަރު 2023 ގައެވެ. މިއީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގުމަށް ނިންމަވާފައިވާ ތަނެކެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ޤާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ.
ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން ކޮންމެ 6 މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ.
"ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އުފައްދައި، ޒަކާތު ފަންޑު ތަރައްޤީކޮށް، ޒަކާތުން ބައެއް ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ޒަކާތު ފަންޑު އިތުރުކޮށް، އޭގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
ގުޅުންހުރި

ޒަކާތުގެ އިތުރުން ހެޔޮކަންކަމަށް ހޭދަކުރަން ދެވޭ ފައިސާ ޖަމާކުރެވޭނެ ނިޒާމެއް ގާއިމްކުރަނީ

ރާއްޖޭގައި ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް އެކުލަވާލައި އާންމުކޮއްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސް މާދަމާ!
