
ޒަކާތުގެ އިތުރުން ހެޔޮކަންކަމަށް ހޭދަކުރަން ދެވޭ ފައިސާ ޖަމާކުރެވޭނެ ނިޒާމެއް ގާއިމްކުރަނީ
# މޯލްޑިވްސް ޒަކާތު ހައުސް--
ރާއްޖޭގައި ޒަކާތުގެ އިތުރުން ހެޔޮކަންކަމަށް ހޭދަކުރަން ދެވޭ ފައިސާ ޖަމާކުރެވޭނެ ނިޒާމެއް ގާއިމްކުރަން ނިންމާފައިވާކަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

އެވުޒާރާގެ ވަޒީރު ޑރ ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ ރާއްޖޭގެ ޒަކާތު ހައުސްއަށް މުދަލު ޒަކާތުގެ ފައިސާގެ އިތުރުން ޞަދަޤާތައި ޚައިރަތާއި ހިބައާއި މި ނޫން ވެސް ހެޔޮކަންކަމަށް ހޭދަކުރަން ދެވޭ ފައިސާ ޖަމާކުރެވޭނެ ނިޒާމެއް އަންނަ ހަފްތާގައި ޤާއިމު ކުރެވިގެންދާނެ ކަމަށެވެ.
އަދި މިކަމުގެ މަގްސަދަކީ ރާއްޖޭގެ ރައްޔިތުން ހެޔޮކަންކަމަށް ކުރާ ހޭދަ ރާއްޖޭގައި ބޭނުންޖެހިފައިވާ ދާއިރާތަކަށް ހޭދަކުރުމުގެ ނިޒާމެއް އުފެއްދުން ކަމަށާއި ހެޔޮކަންކަމަށް ހޭދަކުރުމުގެ ޙާޖަތު ރާއްޖޭގައި ވަރަށް ބޮޑަށް އޮތް ހިނދު، ރާއްޖޭގެ މުޖުތަމަޢު ހެޔޮ ގޮތުގައި ބިނާކުރަން އިސްކަން ދިނުން މުހިންމު ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ވަރަށް ގިނަ ރަށް ރަށަށް މިސްކިތްތަކާއި ޤުރުއާން ކްލާސްތަކާއި އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ވަނީ ހޯދަންޖެހިފައި ކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީ ކުރަމުން ދަނީ އިސްލާމީ ދުނިޔޭގެ ނަމޫނާ ޒަކާތުގެ އިދާރާއެއްކަމުގައިވާ ކުވައިތު ޒަކާތު ހައުސް ނަމޫނަ އަކަށް ބަލައިގެން ކަމަށެވެ.
ގުޅުންހުރި

ރާއްޖޭގެ ޒަކާތު ހައުސްއާއި މެލޭޝިއާގެ އައިއައިޔޫއެމްއާއި ދެމެދު އެއްބަސްވުމެއް!

މާލޭ ސިޓީގައި ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނަށް ބަދަލެއް!

ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ފިޠުރުޒަކާތް ބަލައިގަންނަން ފަށަނީ
