10 ޖެހުމާއި ހަމައަށް ވޯޓުލީ 16 އިންސައްތަ މީހުން
އަހުމަދު ޝުރާއު
4/21/2024, 5:56:27 AM
މަޖިލިސް އިންތިހާބުގެ ވޯޓުލުން ފެށިގެން ކުރިޔަށް :- ގާފު ފޮޓޯ - ޝުރާއު
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުން ފެށިތާ ދެގަޑިއިރުގެ ތެރޭގައި ވޯޓުލީ 16 އިންސައްތަ މީހުން ކަމަށް އީސީއިން ބުނެފި އެވެ.
އީސީއިން މީގެ އިރުކޮޅެއް ކުރިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދުގެ 10 ޖެހުމާއި ވޯޓުލީ 47,296 މީހުންނެވެ. އެއީ 16.61 އިންސައްތަ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 29,411 ފިރިހެނުންނާއި 17.885 އަންހެނުންނެވެ. އިންސައްތައިން ބަލާނަމަ ފިރިހެން 10.33 އިންސައްތަ ފިރިހެނުންނާއި 6.28 އިންސައްަތަ އަންހެނުންނެވެ.
މިހާތަނަށް ވޯޓު ނުލާ 237,367 މީހުން ތިބި އިރު އެއީ ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ 83.39 އިންސައްަތަ މީހުންނެވެ.
އީސީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ގާއިމުކޮށްފައިވާ ހުރިހާ ވޯޓުލާ މަރުކަޒެއްގެ ވޯޓުނެގުން ވަނީ ފެށިފައިވާ ކަމަށެވެ.
މިފަހަރުގެ އިންތިޚާބުގައި 602 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މި އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށާކާއި، 34 ރިސޯޓް، ޖަލުތަކާއި ސިނާޢީ ރަށްތަށް އަދި ރާއްޖެއިން ބޭރުގައި 3 ޤައުމެއްގައި ވޮޓު ފޮށި ވަނީ ބަހައްޓާފައެވެ.
މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ. މީގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓުލުން ފަށާފައިވަނީ 08:00 ގައެވެ. ވޯޓުލުން ހަވީރު 17:30 އާއި ހަމައަށް ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އަދި ވަގުތު އިތުރު ނުކުރާނެކަންވެސް އިލެކްޝަންސްއިން ވަނީ ބުނެފައި އެވެ.