އީސީގެ މެމްބަރުންނާއި ފުލުހުން
ވީހާވެސް އަވަކަށް ވޯޓު އަޅައި ކަންކަން ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެ އެވެ.
މާދަމާ އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ފަށާނީ ހެނދުނު 08:00 ގައެވެ. މި އިންތިހާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށާކާއި، 34 ރިސޯޓް، ޖަލުތަކާއި ސިނާޢީ ރަށްތަށް އަދި ރާއްޖެއިން ބޭރުގައި 3 ޤައުމެއް ހިމެނޭގޮތަށް ޖުމްލަ 603 ވޯޓު ފޮށި ބަހައްޓާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ, ވޯޓުލާ މަރުކަޒުތައް ތައްޔާރުކުރުމާއި އިދާރީގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކަށް އިލެކްޝަން ކޮމިޝަނުން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ. އަދި މާދަމާ ރައްޔިތުންނަށް އޮތް ޒިންމާއަކީ, އަވަހަށް ގޮސް، ވޯޓުލުމުގެ ކަންކަން ނިންމުންކަމަށް އޭނާ ވިދާޅުވި އެވެ.
އީސީން ވަނީ އެއް ފޮށްޓަކަށް ވޯޓު ލާ މީހުންގެ އަދަދު މަދުކޮށްފައެވެ. މިހާރު ކަނޑައަޅާފައިވާގޮތުން ފޮށްޓަކަށް ގިނަވެގެން ވޯޓު ލާނީ 500 މީހުންނެވެ. މިއީވެސް ގިނައިރު މީހުން ކުރިގައި މަޑުކުރަން ނުޖެހި ވޯޓު ލެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ގެނެސްފައިވާ ބަދަލެއްކަމަށް ފުވާދު ވަނީ ވިދާޅުވެފައެވެ.
ވޮޓުލާން ދާއިރު، ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއި މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުން އަދި އެކިއެކި ޔުނިފޯމް ބޮޑީތަކުގައި މަސައްކަތް ކުރާ މީހުން ކިއުގައި ޖެހޭކަށް ނުޖެހޭނެއެވެ. އަދި ވޯޓުލާން ދާއިރު ކާކުކަން އަންގައިދޭ ރަސްމީ ލިޔެކިޔުން ގެންދިއުމަށް އީސީން ވަނީ އެދިލައްވާފައެވެ.
ވޯޓު ފޮށިތައް ބަންދުކުރުމަށް ކަނޑައަޅާފައިވާ ގަޑިއަކީ ހަވީރު 5:30 އެވެ. އީސީން ބުނެފައިވަނީ ވޯޓުލުމުގެ ވަގުތު އިތުރު ނުކުރާނެ ކަމަށާއި, ފޮށި ބަންދުކުރާތާ 30 މިނެޓް ފަހުން ވޯޓު ގުނަން ފަށާނެ ކަމަށެވެ.