ވީއައިއޭގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ސްޓެލްކޯއިން އެހީތެރިވަނީ
އަހުމަދު ޝުރާއު
4/19/2024, 4:45:52 PM
ސްޓެލްކޯގެ މުވައްޒަފުން ވީއައިއޭގައި ހަރަކާތްތެރިވަނީ
ރާއްޖޭގައި މައި އެއާޕޯޓް, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
ވެލާނާ އެއަރޕޯޓުން މިއަދު އެންމެ ފުރަތަމަ ކަރަންޓު ގޮސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މިހާރު ވަނީ އަލުން އެއާޕޯޓަށް ކަރަންޓު ދީފައެވެ. ނަމަވެސް އަދިވެސް ކަރަންޓައް ދިމާވި މައްސަލަ އެއްކޮށް ހައްލެއް ނުވެއެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް ސްޓެލްކޯގެ ތަޖުރިބާކާރު ޓެކްނިކަލް ޓީމަކުން އެމްއޭސީއެލްގެ ޓީމަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ވަކި ދުވަހެއް، ވަކި ވަގުތެއް ނުބަލައި، ސްޓެލްކޯ ނޫން ފަރާތްތަކުން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތަށް ވެސް މައްސަލައެއް ދިމާވާ މިފަދަ ކޮންމެ ފަހަރަކު ޚިދުމަތް ހޯދާ ރައްޔިތުންގެ ޙައްޤުގައި ސްޓެލްކޯގެ ހީވާގި މުވައްޒަފުން ވަރުބަލިކަމެއް ފޫހިކަމެއް ނެތި، ދައްކައިދެނީ ޤައުމީ ރޫޙާއި އިޚުލާސްތެރި ޚިދުމަތުގެ ދެވަނައެއް ނެތް މިސާލެއް ކަމަށް ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވަނީ އެކަމަށްޓަކައި ފަހުރުވެރިކަމާއިއެކު ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް ޝުކުރާއި އައްސަރިބަހާއި ސާބަސް ދަންނަވާ ކަމަށް ވިދާޅުވެފައެވެ.