ދިވެހި ފައިސާގެ އަގު އުފުލި ޑޮލަރުގެ އަގުދާނީ ދަށަށް: ރައީސް
ހަސަން ޝާއިން
4/19/2024, 11:59:51 AM
ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުހައްމަދު މުއިއްޒު
ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް އުފުލިގެންދާތަން ދެން ނުފެންނާނެ ކަމަށާ، އޭގެ ބަދަލުގައި ދެން ފެންނާނީ ދިވެހި ފައިސާގެ އަގު އުފުލި، ޑޮލަރުގެ އަގު ތިރިއަށްދާ މަންޒަރުކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މަޖްލީސް އިންތިޚާބުގައި ފުވައްމުލައް ސިޓީގެ ދާއިރާތަކަށް ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓުންގެ ކެންޕެއިން ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ވަރުގަދަ ކުރުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅުތަކާއި އެކު ޑޮލަރުގެ އަގު މައްޗަށް ނުގޮސް، ހިފެހެއްޓި، މިހާރު ދިވެހި ފައިސާގެ އަގުވެސް އުފުލެމުން އަންނަކަމަށެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ގައުމުގެ މާލީ ހާލަތު އޮތް ގޮތަށް އަލިއަޅުވާ ލައްވާފައެވެ. އެގޮތުން ވިދާޅުވީ، ބޭރުގެ ލޯނުތައް ދެއްކުމަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ 2 މިލިއަން ޑޮލަރުކަމަށާއި، ނަމަވެސް މިހާރު އެ ފަންޑަށް 35 މިލިއަން ޑޮލަރު ޖަމާވެފައިވާކަމަށެވެ.
ހަމައެހެންމެ ކުރީ ސަރުކާރުން މިވީ 40 އަހަރު ދުވަހު ފައިސާ ޗާޕު ނުކުރާ ވަރަށް ޗާޕުކޮށްފައިވާ ކަމަށާ، އެގޮތުން 8000 މިލިއަން ރުފިޔާ ފަސް އަހަރު ތެރޭގައި ޗާޕުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރު އައިސް ފައިސާ ޗާޕުކުރުންވެސް ހުއްޓާލާފައިވާ ކަން ފާހަގަކުރެއްވިއެވެ.
މިއާއެކު ރައީސް ވަނީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ބޮޑެތި ޢުމްރާނީ މަޝްރޫޢުތައް ފެށޭނެކަން އިއުލާން ކުރައްވާފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ އެފަދަ ހުރިހާ ތަރައްގީގެ މަޝްރޫއެއްވެސް ކުރިއަށް ގެންދެވޭނީ މަޖިލީހުގެ އެއްބާރުލުން ލިބިގެން ކަމަށާއި، ތަރައްޤީއަށް އެހީތެރިކަން ދޭނެ މަޖިލީހެއް ބޭނުންވާ ކަމަށެވެ.