ޔުނައިޓެޑުން ބޭރުކޮށްލި ސަންޗޯގެ މޮޅު ކުޅުމާއެކު އެތްލެޓިކޯ ބަލިކޮށް ޑޯޓްމަންޑް ސެމީއަށް
ހަސަން ޝަމްއޫން
4/17/2024, 2:38:00 AM
އެތްލެޓިކޯ މެޑްރިޑާއި ބޮރޫޝިއާ ޑޯޓްމަންޑް ވާދަކުރި މެޗުގެ ތެރެއިިން ޖޭޑަން ސަންޗޯ (ވ)
ޔުއެފާ ޗެމްޕިއަންސްލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި އަންގާރަދުވަހުގެ އަމިއްލަ ދަނޑުގައި 4-2 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ބަލިކޮށް ބޮރޫޝިއާ ޑޯޓްމަންޑުން މުބާރާތްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މިދެޓީމު އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 2-1 ގެ ނަތީޖާއަކުން އެތްލެޓިކޯ ކާމިޔާބުކުރި ނަމަވެސް، ދެވަނަ ލެގުގެ ނަތީޖާއާއެކު ޑޯޓްމަންޑަށް ސެމީ ފައިނަލުން ޖާގަ ލިބުނީ 4-5 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ޑޯޓްމަންޑް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަނު މިޑްފީލްޑަރު ޖޫލިއަން ބްރޭންޑްޓް އެވެ.
މިއީ އެޓީމުގެ ޑިފެންޑަރު މެޓްސް ހަމެލްސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އެޓީމުގެ ޒުވާން ޑިފެންޑަރު އިޔާން މާޓްސެން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ބޮރޫޝިއާ ޑޯޓްމަންޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި އެތްލެޓިކޯ މެޑްރިޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑަކީ ޑޯޓްމަންޑްގެ ޑިފެންޑަރު މެޓްސް ހަމެލްސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
އެތްލެޓިކޯ މެޑްރިޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު އެންޖެލް ކޮރެއާ އެވެ.
ބޮރޫޝިއާ ޑޯޓްމަންޑުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދި ލަނޑު ފަހުހާފުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަނު ފޯވާޑް ނިކޮލަސް ފުލްކުރޫ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ އެޓީމުގެ އޮސްޓްރިއާ މިޑްފީލްޑަރު މާސެލް ސަބިޓްޒަރ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން ބޮރޫޝިއާ ޑޯޓްމަންޑް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ބޮރޫޝިއާ ޑޯޓްމަންޑްގެ އިގިރޭސި ފޯވާޑް ޖޭޑަން ސަންޗޯ އެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި މެއި މަހުގެ އެއްވަނަ ދުވަހު އަމިއްލަ ދަނޑުގައި ބޮރޫޝިއާ ޑޯޓްމަންޑް ނުކުންނާނީ ޕީއެސްޖީ އާއި ދެކޮޅަށެވެ. އަދި މިދެޓީމުގެ މެދުގައި ކުޅެވޭ ސެމީފައިނަލްގެ ދެވަނަ ލެގުގެ މެޗު ޕީއެސްޖީގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8 ވަނަ ދުވަހުގެ ރޭ އެވެ.