އުރުދުންގެ ވައިގެ ސަރަހައްދުވެސް ހުޅުވާލައިފި
އައިޝަތު އިފާޝާ
4/14/2024, 5:36:41 AM
.
އީރާނުން އިސްރާއީލަށް ދިން ހަަމަލާތަކާ ގުޅިގެން އުރުދުންގެ ވައިގެ ސަރަހައްދު ބަންދުކުރުމަށްފަހު އަލުން ހުޅުވާލާއިފިއެވެ.
އުރުދުންގެ އޭވިއޭޝަން އޮތޯރިޓީއާ ހަވާލާދީ އެގައުމުގެ ދައުލަތުގެ ޓީވީން ބުނެފައިވަނީ އެގައުމުގެ ވައިގެ ސަރަހައްދު ރޭ ދަންވަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލާފައިވާ ކަމަށެވެ.
ޔަހޫދީ އިސްރާއީލާ ދެކޮޅަށް އީރާނުން ވަނީ އެތައް ސަތޭކަ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައެެވެ. އޭގެ ތެރެއިން ގިނަ ހަމަލާތަކެއް ހުއްޓުވުމަށް އުރުދުންއިން ވެސް ވަނީ އެހީތެރިކަން ދީފައެވެ.
އީރާނުން ދިން ހަަމަލާތަކާ ގުޅިގެން އިސްރާއީލުން ބުނެފައިވަނީ, 300 އަށްވުރެ ގިނަ މިސައިލާއި ޑްރޯން ބޭނުން ކޮށްގެން އީރާނުން އިސްރާއީލަށް ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށާއި, އޭގެ ތެރެއިން 99 އިންސައްތަ ހަމަލާތައް އެމެރިކާއާއި އިނގިރޭސިވިލާތް ގުޅިގެން ހުއްޓުވާފައިވާ ކަމަށެވެ.
އީރާނުން އިސްރާއީލަށް ހަމަލާ ދީފައިވަނީ, ސީރިޔާގައި ހުންނަ އެގައުމުގެ ކޮންސިއުލޭޓަށް އިސްރާއީލުން ހަމަލާދީ އީރާނުގެ އިސްވެރިންތަކެއް މަރާލުމާއި ގުޅިގެން އެކަމުގެ ބަދަލު ހިފުމަށެވެ.
ރޭގެ ހަމަލާތަކަށްފަހު އީރާނުން ވަނީ, ބަދަލުގައި އިސްރާއީލުން އީރާނަށް ހަމަލާދޭން މަސައްކަތް ކޮށްފިނަމަ އެއަށްވުރެ ބޮޑެތި ހަމަލާތަކެއް އިސްރާއީލަށް ދޭނެ ކަމަށް ބުނެފައެވެ. އަދި އިސްރާއީލުން އީރާނަށް ހަމަލާދިނުމަށް ގައުމުތަކުން ވައިގެ ސަރަހައްދު ހުޅުވާލައިފިނަމަ އެގައުމުތަކަށްވެސް ހަމަލާދޭނެ ކަމުގެ އިންޒާރު އިރާނުން ވަނީ ދީފައެވެ.