
.
އީރާނުން ދިން ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ ވައިގެ ސަރަހައްދު ބަންދުކުރިތާ 7 ގަޑިއިރު ފަހުން އަލުން ހުޅުވާލައިފިއެވެ.

އިސްރާއީލުގެ ވައިގެ ސަރަަހައްދު އަލުން ހުޅުވާލާފައިވަނީ, ޖީއެމްޓީ ގަޑިން 04:30 ގައެވެ. އެއީ އިސްރާއީލުގެ ގަޑިން ހެނދުނު 07:30 އެވެ.
އިސްރާއީލުގެ އެއާޕޯޓްސް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ވައިގެ ސަރަހައްދު ހުޅުވާލާފައިވީ ނަމަވެސް ތެލްއަވީވްގެ އެއާޕޯޓުގެ ފްލައިޓް ޝެޑިއުލްތަކަށް ބުރޫ އަރާނެ ކަމަށް ބެލެވޭ ކަމަށާއި, ދަތުރުވެރިން ފްލައިޓް ގަޑިތައް ޗެކްކުރަން ޖެހޭނެ ކަމަށެވެ.
އީރާނުން ވަނީ ރޭ އެތައް ސަތޭކަ މިސައިލާއި ޑްރޯންތައް ބޭނުން ކޮށްގެން އިސްރާއީލަށް ހަމަލާދީފައެވެ. އީރާނުން އިސްރާއީލަށް ހަމަލާދީފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ސީރިއާގައި ހުންނަ އެގައުމުގެ ކޮންސިއުލޭޓަށް އިސްރާއީލުން ހަމަލާދީ އީރާނުގެ އިސް ވެރިންތަކެއް މަރާލުމާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.