
ޢީދުގައި އެންމެ އިސްކަންދޭން ޖެހޭ އެއް ކަމަކީ އިޖްތިމާޢީ ގުޅުން ވަރުގަދަކުރަން - އީދު ހުތުބާ
# ފިތުރު އީދުއީދު ނަމާދު ހުޅުމާލޭގައި
މި އީދުގައި އެންމެ މުހިއްމުކަމެއް ދޭން ޖެހޭ އެއް ކަމަކީ އިޖުތިމާޢީ ގުޅުންތައް ވަރުގަދަ ކުރުން ކަމަށް މިއަދުގެ ފިތުރު އީދު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ޢީދު ޚުޠުބާގައި ބިނާކޮށްފައިވަނީ ފިޠުރު ޢީދު ދުވަހު ހަނދާނުގައި ބަހައްޓަންޖެހޭ މުހިންމު ކަންކަމުގެ މައްޗަށެވެ. އެގޮތުން ޢީދު ދުވަހު އިސްކަން ދޭން ޖެހޭ ކަންކަން ހަނދާކޮށްދީފައެވެ.
ހުތުބާގައި ބުނީ އީދަކީ އިޖުތިމާއީ ގުޅުންތައް އާލާކޮށް، ދެމެހެއްޓުމަށް ލިބޭ ރަނުގެ ފުރުޞަތެއް ކަމަށެވެ. އެގޮތުން އާއިލާގައި އެކަކު އަނެކަަކަށް އޮންނަ ގުޅުމާއި މުއްސަނދިންނާއި ފަގީރުންނާ އޮންނަ ގުޅުމާއި ވެރިންނާއި ރައްޔިތުން އޮންނަ ގުޅުމާ ބެހޭގޮތުން ހުތުބާގައި ވާހަކަދެއްކިއެވެ.
"ދަރިން އެމީހުންގެ މައިންބަފައިންނަށް އިޙްސާންތެރިވާށެވެ! މައިންބަފައިން އެމީހުންގެ ދަރިންނަށް ލޯބިދީ، އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ކުރާށެވެ! އަނބިން އެމީހުންގެ ފިރިންނަށް ކިޔަމަންތެރިވާށެވެ! ފިރިން އެމީހުންގެ އަނބިންނަށް އޯގާތެރިވާށެވެ! މުއްސަނދިން ފަޤީރުންނަށް އެހީތެރިވާށެވެ! ބޮޑެތި މީހުން ކުޑަކުދިންނަށް އޯގާތެރިވާށެވެ! ކުޑަކުދިން ބޮޑެތި މީހުންނަށް އިޙްތިރާމުކުރާށެވެ! ވެރިން ރައްޔިތުންގެ ޙައްޤުތަކަށް ރައްކާތެރިވާށެވެ! އަދި ރައްޔިތުން ވެރިންނަށް ކިޔަމަންތެރިވާށެވެ!" ޚުތުބާގައި ބުންޏެވެ.
އިޖުތިމާޢީ ފޭރާން ވަރުގަދަވުމަކީ، އެ މުޖުތަމަޢަކަށް، ފާގަތިކަމާއި އަމަން އަމާންކަން ގެނުވާނެ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ބައެއްގެ ތެރޭގައި ރިވެތި އަޚްލާޤު ފެތުރިއްޖެނަމަ، އެބައެއްގެ މެދުގައި އެއްބައިވަންތަކަން އާލާވާނެ ކަމަށެވެ. އޭގެ އިތުރުން، ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން، ޒަމާނުއްސުރެ އަހަރެމެންގެ ތެރޭގައި އޮތް، އިސްލާމީ އުޚުއްވަތްތެރިކަމާއި، ރިވެތި އަޚްލާޤު، ވީރާނާވިޔަ ނުދިނުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި އެކަކު އަނެކަކާއި ބައްދަލުވާހިނދު ސަލާންކޮށް، ހަދިޔާ ބަދަލު ކުރުމާއި ކުޅިވަރާއި އުފާފާޅުކުރުމުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދާއިރު، ފަލަސްތީނުގެ އަޚުންނާއި އުޚުތުން މަތިން ހަނދާން ނައްތާނުލުމަށް ވަނީ ގޮވާލައްވާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުން މިހާރު ތަހައްމަލު ކުރަމުންދާ ކަންކަމުން އިބްރަތް ހާސިލް ކުރަން ޖެހޭ ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
މިއަދުގެ ޚުޠުބާގައި ވަނީ ބަރަކާތްތެރި ރަމަޟާން މަސް ނިމުނުނަމަވެސް އަޅުކަން ކުރުން މަތީ ދެމިތިބުމަށް އިރުޝާދު ދެއްވާފައެވެ. އަދި ރޯދަމަހު ލިބިގަތް ފިލާވަޅުތަކުން އިތުރުވި އިމާންކަން ދެމެހެއްޓުމަށް މަަސައްކަތް ކުރުމަށް ވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން ޝައްވާލު މަހުގެ 6 ރޯދައަށް ސަމާލުކަންދީ ޒަކާތައް ރައްކާތެރިވުމަށް ވަނީ ޚުޠުބާގައިވަނީ ގޮވާލައްވާފައެވެ.
.gif&w=3840&q=75)






