
ތިނަދޫގައި ބޮޑު ޖަމާއަތުގައި އޮންނަ އީދު ނަމާދު އިމާމުވެ ކުރައްވާނީ ޒުވާން ހަތީބު ޝަޔާން!
# ޒުވާން ޚަތީބުންތިނަދޫގެ ޒުވާން ހަތީބުން
ތިނަދޫ ސިޓީގައި ބޮޑު ޖަމާއަތުގައި އޮންނަ އީދު ނަމާދު ކުރައްވާނީ ސަރުކާރުން ކުރިޔަށް ގެންދިޔަ ޒުވާން ހަތީބުން ޕްރޮގްރާމް ފުރިހަމަ ކުރި ތިނަދޫ ޒުވާނެއް ކަމަށް ތިނަދޫ ކައުންސިލުން ބުނެފި އެވެ.

ތިނަދޫ ކައުންސިލުން ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާދަމާ ހެނދުނު ތިނަދޫ އޮންނަ ބޮޑު ޖަމާއަތް އީދު ނަމާދު ކުރައްވާނީ މުހައްމަދު ޝަޔާން ޝިޒާން ކަމަށެވެ.
އެގޮތުން އީދު ނަމާދުގެ ބޮޑު ޖަމާއަތް ތިނަދޫ ސިޓީގައި އޮންނާނީ މާދަމާ 07:00 ގައި ދަނޑެކޮޑޭ ފުޓްބޯޅަ ދަނޑުގައި އެވެ. އީދު ނަމާދުގެ ބޮޑު ޖަމާއަތަށް ފުޓްބޯޅަ ދަނޑު ތައްޔާރުކުރުމުގެ މަސައްކަތް ތިނަދޫ ސިޓީ ކައުންސިލާއި 'ތެނަދޫ ރޯވަރުންނެ' ޓީމުގެ ދަރުމަވެރި ޚިދުމަތާއި ގުޅިގެން ދަނީ ކުރަމުންނެވެ.

މާދަމާ އީދު ނަމާދު ކުރައްވާ ޝަޔާންގެ އިތުރުންވެސް ސަރުކާރުން ކުރިޔަށް ގެންދިޔަ ހަތީބުން ޕްރޮގްރާމް ތިނަދޫގެ އިތުރު 3 ކުދިން ވަނީ ފުރިހަމަކޮށްފައި އެވެ. އަދި އެކުދިން ވަނީ ރަމަޟާން މަހުގެ ތެރޭގައި ތިނަދޫއާއި މާލޭގެ ބައެއް މިސްކިތްތަކުގައި އިމާމުވެ ހުކުރުވެސް ކޮށްފައި އެވެ.
އިމާމުވެ ހުކުރު ކުރާނެ ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ފެށި ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި 57 ޒުވާނަކަށް އިމާމުގެ ހުކުރު ކުރުމުގެ ހުއްދަވަނީ ދީފައި އެވެ. އެގޮތުން، ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހާއްސަކޮށްގެން ފެށި ޕްރޮގްރާމްގެ ފުރަތަމަ ބެޗަށް ހުޅުވައިލުމުން 160 ޒުވާނަކާ އިންޓަވިއުކޮށްފައިވެއެވެ. އަދި އިންޓަވިއުއަށްފަހު 77 ޒުވާނަކާއެކު ތަމްރީނު ޕްރޮގްރާމް ކުރިޔަށް ގެންދިޔައީ ފެބްރުއަރީ މަހުގެ ތެރޭގައި އެވެ. ފުރަތަމަ ބުރު 57 ޒުވާނަކު ފުރިހަމަކުރި އިރު އިތުރު ބުރެއް ދާދި އަވަހަށް ފެށުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އަންނަނީ ތައްޔާރުވަމުންނެވެ.







