ދެވަނަ ހާފުގައިި ކާމިޔާބުކުރި ދެލަނޑު ޓޮޓެންހަމް އިން ފޮރެސްޓު ބަލިކޮށްފި
ހަސަން ޝަމްއޫން
4/8/2024, 4:40:48 AM
ޓޮޓެންހަމް އާއި ނޮޓިންހަމް ފޮރެސްޓް ވާދަކުރި މެޗުގެ ތެރެއިިން
އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް ކުޅުނު މެޗުގެ ދެވަަނަ ހާފުގައި ކާމިޔާބުކުރި ދެ ލަނޑާއެކު 3-1 ގެ ނަތީޖާއަކުން މޮޅުވެ ޓޮޓެންހަމް އިން ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ޓޮޓެންހަމް އިންނެވެ. މިލަނޑަކީ ފުރަތަަމަ ހާފުގެ 15 ވަނަ މިނެޓުގައި ޓޮޓެންހަމް ގެ ފޯވާޑް ޓީމޯ ވާނާ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ދިފާއުކުރަން އުޅުމުގެތެރޭގައި ނޮޓިންހަމް ފޮރެސްޓްގެ ބްރެޒިލް ޑިފެންޑަރު މޮރިލޯގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.
ނަމަވެސް ފުރަތަަމަ ހާފު ނިމުމުގެ ކުރިން ފޮރެސްޓުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނިއުޒިލޭންޑު ފޯވާޑް ކްރިސް ވުޑް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ޓޮޓެންހަމް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނެދަލޭންޑްސްގެ ޑިފެންޑަރު މިކީ ވެންޑަ ވެން އެވެ. މިއީ އެޓީމުގެ ސައުތު ކޮރެއާ ފޯވާޑް ހިއުންގް މިން ސޮން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ހަ މިނެޓު ފަހުން އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޕެނިޝް ޑިފެންޑަރު ޕެޑްރޯ ޕޯރޯ އެވެ. މިއީ އެޓީމުގެ އުރުގުއާއީ މިޑްފީލްޑަރު ރޮޑްރީގޯ ބެންޓެންކޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-1 ގެ ނަތީޖާއަކުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 30 މެޗުން ޓޮޓެންހަމް އަށް 60 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ބަލިވި ނޮޓިންހަމް ފޮރެސްޓަށް 32 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 17 ވަނައިގައެވެ.