![ރަށުން ބޭރުގައި ޔުނައިޓެޑް އަތުން ލިވަޕޫލް ސަލާމަތް ކޮށްދިނީ ސަލާހް](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F4%2FFB_IMG_1712543243424.jpg&w=3840&q=75)
ރަށުން ބޭރުގައި ޔުނައިޓެޑް އަތުން ލިވަޕޫލް ސަލާމަތް ކޮށްދިނީ ސަލާހް
# ލިވަޕޫލް# ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރެމިއާ ލީގު# މެންޗެސްޓަރ ޔުނައިޓެޑްމެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން މިޑްފީލްޑަރު ކޮބީ މައިނޫ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދެނީ...
އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ވާދަކުރި ފޯރިގަދަ މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެއްޖެ އެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ލިވަޕޫލުން މެޗު ޑޮމިނޭޓުކުރި އިރު މި ހާފުގައި އެޓީމުން ވަނީ ޔުނައިޓެޑްގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.
އެގޮތުން ފުރަތަަމަ ހާފުގެ 21 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކޮލަންބިޔާގެ ފޯވާޑް ލުއިސް ޑިއާޒް އެވެ. މިއީ އެޓީމުގެ އުރުގުއާއީ ފޯވާޑް ޑާވިން ނުނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ލިވަޕޫލުގެ ހަންގޭރީގެ މިޑްފީލްޑަރު ޑޮމެނިކް ސޮބޮސްލައި ގެ އިތުރުން ޑާވިން ނުނޭޒް އަދި ލުއިސް ޑިއާޒް އަށް ވެސް ވަނީ ހުސް ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވިފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި މެންޗެސްޓާ ޔުނައިޓެޑް ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓްގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ބުރޫނޯ ފެނާންޑޭޒް އެވެ.
މިއީ ލިވަޕޫލުގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ހާފު މެދެންހާ ހިސާބުހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މެޗުގެ 67 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ފުރަތަަމަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފިލްޑަރު ކޮބީ މައިނޫ އެވެ. މިއީ އެޓީމުގެ ޑިފެންޑަރު އާރޮން ވެން ބިސާކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ލިވަޕޫލުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 84 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ މުހައްމަދު ސަލާހް އެވެ. މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 25 މެޗުގައި އޭނާ ކާމިޔާބުކުރި 17 ވަނަ ލަނޑެވެ. މީގެ އިތުރުން މިއީ ޔުނައިޓެޑާއި ދެކޮޅަށް ސަލާހު ކުޅުނު 15 މެޗުގައި އޭނާ ކާމިޔާބުކުރި 14 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މިނަތީޖާއާއެކު ލީގުގައި ކުޅުނު 31 މެޗުން ލިވަޕޫލަށް 71 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 31 މެންޗެސްޓާ ޔުނައިޓެޑަށް 49 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ހަ ވަނައިގައެވެ.