
ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތައް ބޭނުންނުކުރުމަށް ޓްރާންސްޕޭރެންސީއިން ގޮވާލައިިފި
# ޓްރާންސްޕޭރެންސީ މޯލްޑިވްސްޓްރާންސްޕޭރެންސީ މޯލްޑިވްސް
ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތައް ބޭނުންނުކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިިފި އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޖިލިސް އިންތިހާބާއި ދިމާކޮށް ވައުދުތައްވެ، ވޯޓުލާން ތިބޭ މީހުންނަށް މިނިވަންކަމާ އެކު ވޯޓުލުމަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވައި، ދައުލަތުގެ ވެރިން ޒިންމާދާރު ކުރުވުމަށާއި ހަމަހަމަ ފުރުސަތެއް ހޯދައިދިނުމަށް ޓަކައި ޤާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވަނީ ބަޔާނުގައި ސަރުކާރަށް ގޮވާލާފައި އެވެ.
އެބަޔާނުގައި އިތުރުަށް ބުނެފައިވަނީ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިންގެ ރަސްމީ މުއްދަތު 21 މާރޗް 2024 ގައި ފެށުނީއްސުރެ، ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް، ވަކިން ޚާއްޞަކޮށް ކެމްޕެއިން ދަތުރުތަކުގައި، ފަހަކަށް އައިސް އިޢުލާނުކުރެވެމުންދާކަމީ ކަންބޮޑުވާ ކަމަށެވެ. އަދި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެ، ސިޔާސީ ތާއީދު ހޯއްދެވުމަށް ސަރުކާރު ޙިއްޞާވާ ކުންފުނިތައް ބޭނުންކުރުމުގެ ސަބަބުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ފާޅުކޮށްފައިވާ ކަންބޮޑުވުންތައް އިތުރަށް ހަރުދަނާވެގެންދާ ކަމަށެވެ.
މީގެ އިތުރުން އެސް.އޯ.އީ ނިޒާމަކީ، މުސްތަޤްބަލުގައި އިންތިޚާބީ ފެންވަރުގެ ކުޅިވަރުގެ މައިދާނަށް ބަދަލުވަމުންދާ މަންޒަރު ފެންނަމުން އަންނަ ކަމަށްވެސް ބަޔާނުގައި ބުނެފައި އެވެ.
މީގެ އިތުރުން، އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި، އިޖްތިމާޢީ އަދި އިޤްތިޞާދީ ސިޔާސަތުތަކުގެ ސްކޯޕާއި ސްކޭލް، އިންތިޚާބީ ދުވަސްވަރާ ގާތްކޮށް، ސާފު އަދި ދެފުށް ފެންނަ ދުރުރާސްތާ ޕްލޭނެއް ނުވަތަ ތަރައްޤީގެ ސްޓްރެޓެޖީއެއް ނެތި ބަދަލުކުރަމުންދާކަމީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް ޓްރާންސްޕޭރެންސީއިން ވަނީ ބުނެފައި އެވެ.
އިންތިޚާބެއްގެ ކުރިން ސިޔާސަތުގެ ނިންމުންތައް ބަދަލުކޮށް އިޞްލާޙުކުރުމުގެ ޓްރެންޑާއި، ބޭނުންތަކާއި، އިޖްތިމާޢީ، އިޤްތިޞާދީ އަދި ތިމާވެށީގެ އަސަރުތަކަށް ބެލުމެއްނެތި، އަދި މަޝްވަރާގެ މަރުޙަލާތައް ނެތުމުގެ ސަބަބުން، ވަކިން ޚާއްޞަކޮށް، ހަމަހަމަ އަދި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމުގައި އިތުރު ކަންބޮޑުވުންތަކެއް އުފެދޭ ކަމަށްވެސް ވަނީ ބުނެފައި އެވެ.
ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވައި، އެ ވަސީލަތްތައް ބޭނުންކުރުމާ ބެހޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ ގައިޑްލައިންތައް ޕްރޮއެކްޓިވްކޮށް ތަންފީޒުކުރުމަށް ބަޔާން ނިންމާލަމުން ޓްރާންސްޕޭރެންސީއިން ގޮވާލައިފައިވެއެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެޓާނީ ޖެނެރަލްގެ އޮފީހާއި މަޖިލިސް ހިމެނޭ ގޮތަށް ކަމާބެހޭ އިދާރާތައް ގުޅިގެން ދައުލަތުގެ ވަސީލަތްތަކުގެ ބޭނުންކުރަމުންދާ ސިޔާސީ ފަރާތްތައް ޖަވާބުދާރީ ކުރުމުގައި ހުރި ގާނޫނީ 'ލޫޕް ހޯލްސް'' އިސްލާހުކުރުމަށް ގޮވާލައިފައިވެއެވެ. އިސްލާހުކުރުމަށް ލަފާދީފައިވާ ކަންތައްތަކުގެ ތެރޭގައި އާ މަޝްރޫއުތައް އިއުލާނުކުރާނެ ދުވަސްތައް ކަނޑައެޅުމާއި، މަޝްރޫއުތައް ފެށުން އަދި ނިމުން ރަސްމިއްޔާތަކުން ފާހަގަކުރުން ހިމަނާފައިވެއެވެ.






