
ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަށް އަނެއްކާވެސް ވެއްޓުމެއް!
# ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް# ޓްރާންސްޕޭރެންސީ މޯލްޑިވްސް# އެންޓިކޮރަޕްޝަން ކޮމިޝަންއެންޓި ކޮރަޕްޝަން ކޮމިޝަން ---ފޮޓޯ| ދައުރު
ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު ވެސް ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެ އަނެއްކާ ވެސް ވެއްޓިއްޖެ އެވެ.

ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން މިއަދު އާންމުކޮށްފައިވާ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް (ސީ.ޕީ.އައި) 2023 އިން ދައްކާގޮތުގައި ދިވެހިރާއްޖެވަނީ 40 ޕޮއިންޓުން 39 ޕޮއިންޓަށް ވެއްޓިފައެވެ. އަދި ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ދިވެހިރާއްޖެ ހިމެނެނީ 50 ޕޮއިންޓަށް ވުރެ ދަށުން ޕޮއިންޓް ލިބިފައިވާ ތިންބައިކުޅަ ދެބައި ޤައުމުތަކުގެ ތެރޭގައެވެ.
ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން ކޮންމެ އަހަރަކު އާންމުކުރާ " ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް"އަކީ އެކި ޤައުމުތަކުގެ ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާ ކަމަށް ޤަބޫލުކުރެވޭ މިންވަރު ދައްކުވައިދޭ އިންޑެކްސްއެކެވެ. ދައުލަތް ހިންގުމުގައި ކޮރަޕްޝަން ހިމެނޭ މިންވަރު 1 އިން 100 އަށް ގިންތިކުރާ މި އިންޑެކްސްއިން ދައްކުވައިދޭ ގޮތުގައި 0 (ސުމެއް) އެއީ ކޮރަޕްޝަނުގެ އަމަލުތައް އެންމެ ގިނަ ކަމަށް ޤަބޫލުކުރެވޭ، އަދި 100 (ސަތޭކަ) އެއީ ކޮރަޕްޝަންގެ އަމަލުތައް އެންމެ މަދުކަމަށް ޤަބޫލުކުރެވޭ މިންވަރެވެ.
2023 ވަނަ އަހަރުގެ ސީޕީއައިގައި 180 ޤައުމު ހިމަނާފައިވާއިރު ދިވެހިރާއްޖެއަށް ލިބިފައިވާ ސްކޯރ އަކީ 39 ކަމުން، ދިވެހިރާއްޖެ ރޭންކު ކުރެވިފައިވަނީ މިއިންޑެކްސްގެ 93 ވަނައިގައެވެ.
ސީޕީއައި ސްކޯރ މިންކުރަނީ ކޮރަޕްޝަން އަށަގަނެފައިވާކަމަށް އާންމުންނަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށްކޮށްފައިވާ ސާރވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައެވެ. ރާއްޖޭގެ 2023 ވަނަ އަހަރުގެ ނަތީޖާ ނެރުމަށްޓަކައި ރިއާޔަތްކޮށްފައިވަނީ ބައިނަލްއަގްވާމީ 3 މަސްދަރަކަށެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް (ސީ.ޕީ.އައި.އޭ) އެވެ.
2023 ވަނައަހަރުގެ ސީޕީއައި ސްކޯއާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއަށް ލިބުނު ސްކޯ އިން ހާމަވެގެންދަނީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށް ތައާރަފްކުރެވިފައިވާ ޤާނޫނުތަކަށް އަމަލުކުރުމުގައި އަދި ތަންފީޒުކުރުމުގައި ދިވެހިރާއްޖެއިން ކުރިއެރުމެއް އައިސްފައިނުވާކަމަށެވެ.
ފާއިތުވި އަހަރުތަކެކޭ އެއްފަދައިން، ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓުކުރުމުގައާއި ތަހުގީގުކުރުމުގައި އަދި ދައުވާކޮށް އިންސާފުނުުލިބި ގާނޫނުތައް ތަންފީޒުނުކުރެވުމުގެ ސަބަބުން ސިޔާސީ ފަރާތްތަކާއި ދައުލަތުގެ މުވައްޒަފުން ޒިންމާދާރު ކުރުވުމަށް އަދިވެސް ރާއްޖެ ނުކުޅެދިފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. ސީ.ޕީ.އައިގެ މެދުމިނުގެ ގިންތިގެ ގައުމުތަކަކީ ނިޒާމުގެ ގިނަ މައްސަލަތައް ހުރި, ބޮޑެތި ނުވަތަ ގްރޭންޑް ކޮރަޕްޝަން އަދި އިސް މަގާމުތަކުގައި ތިބޭ މަދު ބައެއް ނުހައްގުން މުއްސަނދިވެ, ގިނަ ބަޔަކަށް އޭގެ އަސަރުކުރާފަދަ ހިޔާނާތުގެ އަމަލުތައް ގިނަ ގައުމުތަކެވެ. މިފަދަ ގައުމުތަކުގައި ޕެޓީ ކޮރަޕްޝަން ފަދަ އަމަލުތައް ހުއްޓުވުމަށް އެޅޭ ފިޔަވަޅުތަކަކުން ދެމެހެއްޓެނިވި ނަތީޖާއެއް ނުފެންނަކަން ފާހަގަވާކަމަށްވެސް ޓްރާންސްޕޭރެންސީން ބުނެފައިވެއެވެ.
2023ގެސީ.ޕީ.އައިގެ ޝިއާރުގައި ފާހަގަކޮށްފައިވާ ފަދައިން، ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާރު ފެންނަމުންދާ، އަދުލު އިންސާފުގެ ނިޒާމުތައް ބަލިކަށިވެގެންދާ ދިޔުމަކީ ދައުލަތުގެ ވެރިން ޒިންމާދާރު ކުރުވަން އޮތް ފުރުސަތު ކުޑަވެ، ކޮރަޕްޝަން އިތުރުވެގެންދިއުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށްބެލެވޭ ކަމަށް އެޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.
ގާނޫނުގައި ކަނޑައެޅިފައިވާ އިޖުރާތްތައް ފުރިހަމަކުރުމަށްޓަކައި ކޮރަޕްޝަންގެ ކުށްތަކަށް އެކަށީގެންވާ އަދަބުދީ،ފާރަވެރިވެވޭނޭ ނުވަތަ ޗެކް އެންޑް ބެލެންސް ކުރެވޭނޭ ނިޒާމުތައް ހަރުދަނާކޮށް, އަދުލު އިންސާފު ނެގެހެއްޓުމުގެ ޒިންމާ ދެވިފައިވާ މުއައްސަސާތަކަށް ފުރިހަމަ މިނިވަންކަމާއި، ވަސީލަތްތަކާއި އަދި ހާމަކަން ބޮޑުގޮތެއްގައި މަސައްކަތްކުރުމަށް ސަރުކާރުން ތަންދޭންޖެހޭނެ ކަމަށާއި، އަދި، އަދުލު އިންސާފު ގާއިމުކުރާ މުއައްސަސާތައް ކޮރަޕްޝަންގެ އަމަލުތަކުން ރައްކާތެރިވެ، ކޮރަޕްޝަން ނައްތާލުމަށް ސީދާ އަމާޒުކުރެވިގެން ހަރުދަނާ އިޖުރާއަތްތަކާއި ގާނޫނުތައް ތައާރަފް ކުރަން ޖެހޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށާއި ސިޔާސީ ކަންކަމުގައި ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްއިން ހުށަހަޅާފައިވާ ކަންކަން ބަލައިގަނެ, އެ ކަންކަމަށް އިސްކަން ދިނުމަށް ދިވެހި ސަރުކާރަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވަނީ ގޮވާލާފައެވެ.
ޓްރާންސްޕޭރެސްންސީ އިން ހުށަހަޅާފައިވާ ކަންކަން
- އަދުލު އިންސާފުގެ ނިޒާމުގެ މިނިވަންކަން ހަރުދަނާކުރުން: އަދުލު އިންސާފުގެ ނިޒާމު ނުފޫޒުން ސަލާމަތްކުރުމަކީ އެ ނިޒާމު ހިންގުމަށް އެންމެ މުހިންމު ކަންތަކެވެ. މިގޮތުން މިނިޒާމުގެ ތެރޭގައި މަސައްކަތްކުރާ ފަރާތްތަކަކީ ވަކި ސިޔާސީ މަގުސަދަކަށް އައްޔަންކުރެވޭ ބައެއްގެ ބަދަލުގައި, މަގާމަށް ބޭނުންވާ ތައުލީީމާއި ތަޖުރިބާލިބިފައިވާ ގާބިލު މީހުންކަން ކަށަވަރުކުރުމަށް މެރިޓް ބޭސްޑް އުސޫލުން މީހުން އައްޔަނުކުރުން. އަދި މިނިވަންކަމާއި އެކު ގާނޫނުތައް ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ލިބޭކަން ކަށަވަރު ކުރަންޖެހޭ ކަމަށް ޓްރާންސްޕޭރެންސީން ބުނެފައިވެއެވެ..
- ނަޒާހަތްތެރިކަމާއި މޮނިޓަރިންގެ ނިޒާމު ތައާރަފްކުރުން: އަދުލު އިންސާފުގެ ނިޒާމުތެރޭގައި މަސައްކަތްކުރާ ފަރާތްތަކަށް އެފަރާތްތަކުގެެ ޒިންމާ އަދާކުރުމަށް ދެވިފައިވާ ހާއްސަ ހިމާޔަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފޭނެކަން ކަށަވަރުކުރުން މުހިންމެވެ. މިގޮތުން ނުފޫޒުން ރައްކާތެރިކަން ހޯދައިދިނުމަށާއި ބިރުދެއްކުން ހުއްޓުވުމަށް ވިސްލްބްލޯކުރުމާއި ރިޕޯޓިންގ ޗެނަލްތައް ހަރުދަނާ ކުރުން މުހިންމުކަމަށް ޓްރާންސްޕޭރެންސީން ފާހަގަކޮށްފައިވެއެވެ. އަދި ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުންނާއި ކަމާގުޅުންހުރި އެހެނިހެން ފަރާތްތަކުގެ މުދަލާއި މަސްލަހަތު ހާމަކޮށް، އެފަރާތްތަކަށް ކަނޑައެޅިފައިވާ މުސާރަތަކަކީ އެފަރާތްތަކުގެ މަސްއޫލިއްޔަތާއި އެކަށީގެންވާ އުޖޫރައެއްކަން ކަށަވަރުކުރުމަށް ވަނީ ގޮވާލާފައެވެ. ދައުލަތް އިސާފަރާތްތައް ޖަވާބުދާރީކުރުވުމަށްޓަކައި، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ޑްރާފްޓްކޮށް މިހާރު މަޖުލީހުގައި ތާވަލުކުރެވިފައިވާ މާލީ އަދި އެހެނިހެން މަސްލަހަތު ހާމަކުރުމާއި ބެހޭ ބިލު ފާސްކުރުމަށް ވެސް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ގޮވާލާފައެވެ..
- އަދުލު އިންސާފަށް ފަސޭހައިން ވާސިލްވުން: އަދުލު އިންސާފު ލިބުމުގެ ހައްގު ރައްޔިތުންނަށް ހަމަހަމަކަމާއި އެކު ހޯދައިދީ މިހައްގު ހިމާޔަތް ކުރުމަކީ އަދުލު އިންސާފު ގާއިމުކޮށް، ފަސާދައާ ދެކޮޅަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ. މި މަޤްޞަދު ހާސިލްކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި، ތަންފީޒުކުރަން އުދަގޫ އިޖްރާޢަތްތައް ފަސޭހަކުރުމާއި، ޤާނޫނީ މަރުޙަލާތައް ބޭނުންކުރުމުގައި ހަމަހަމަ ފުރުސަތު އެންމެންނަށް ފޯރުކޮށްދިނުމާއި، ކޮރަޕްޝަން މާނަކުރުމުގައި ކޮރަޕްޝަންގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ތެރޭގައި ދައުލަތުން ބޭރުގެ ފަރާތްތައް ހިމެނުމާއި, ކަރަޕްޝަންގެ އަމަލުތަކާއި ގުޅޭ ޖިނާއީ، މަދަނީ އަދި އިދާރީ މައްސަލަތައް ބަލަން ފެއްޓުމުގެ އިހުތިޔާރު ޤާބިލު މަދަނީ ޖަމްއިއްޔާތަކަށް ހުޅުވާލާ އަދި ކޮރަޕްޝާނުގެ ޝިކާރަޔަކަށްވާ ފަރާތްތަކުގެ މަސްލަހަތު އިސްކުރުން މުހިންމު ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ..
- އަދުލު އިންސާފުގެ ނިޒާމު އިތުރަށް ހާމަކަންބޮޑު އަދި ދެފުށް ފެންނަ ގޮތަށް ބައްޓަންކުރުން: އަދުލު އިންސާފުގެ ނިޒާމުގެ މަސައްކަތްތައް މިހާރަށް ވުރެ ހާމަކަންބޮޑު ގޮތެއްގައި ބައްޓަންކުރެވުމުން އެފަރާތްތައް ޒިންމާދާރު ކުރުވުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. އެގޮތުން ތަންފީޒުކުރުމާއި، ހުކުމްތަކާއި، ކޯޓުން ބޭރުގައި ކަންކަން ނިންމުމާއި، ގާނޫނީ އިޖުރާއަތާއި އިދާރީ ގަވާއިދުތަކާ ބެހޭ މުހިންމު މައުލޫމާތުތައް އާންމުކުރުމާއި, ފަސޭހައިން ލިބެން ހުންނާނެ އިންތިޒާމްތައް ހަމަޖެއްސުމަކީ، ކޮރަޕްޝަން ހުއްޓުވުމަށާއި، ކޮރަޕްޝަނާ ދެކޮޅަށް ހަދާ ގާނޫނުތައް ރަނގަޅަށް ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ބުނެފައެވެ..
- ދައުލަތުގެ މުއައްސަސާތަކުގެ ޤާބިލުކަމާއި ވަސީލަތްތައް ހަރުދަނާކޮށް، ފުރިހަމަ، ދެފުށް ފެންނަ ގޮތަށް ކަނޑައެޅިފައިވާ ވަގުތުގައި ތިހުގީގުކޮށް، ދައުވާކުރުން: އެންޓި ކޮރަޕްޝަން އޮތޯރިޓީތަކާއި، އޮވަރސައިޓް މުއައްސަސާތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ މިންވަރަށް ފައިސާއާއި ވަސީލަތްތަކާއި މިނިވަންކަން އޮންނަންޖެހޭކަމަށް ޓްރާންސްޕޭރެންސީން ބުނެފައިވެއެވެ..
- އިންސާނީ ހައްގުތަކާއި ވަކިން ހާއްސަކޮށް ހިއުމަން ޓްރެފިކިން އާއި ވިސްލްބްލޯއިންއާ ގުޅުންހުރި ގާނޫނުތަކާއި ޑިމޮކްރަސީ ދިފާއުކުރުމަށް މަދަނީ މާހައުލު ފަހިކޮށްދިނުން: އެކަމަކީ އޭގެ ސަބަބުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން, ސަރުކާރުވެސް ހިމެނޭހެން, އިންސާނީ ހައްގުތަކަށް އަރައިގަންނަ ފަރާތްތައް ޖަވާބުދާރީ ކުރުވުމުގެ ބާރުއަޅާދެވޭނޭ ކަމެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފައިވެއެވެ.







