ވާދަވެރި ކުޅުމަކަށްފަހު އިންޓަ މިލާނުން އެމްޕޯލީ ބަލިކޮށްފި
ހަސަން ޝަމްއޫން
4/2/2024, 3:04:18 AM
އިންޓަ މިލާންގެ ތަޖުރިބާކާރު ފޯވާޑް އެލެކްސިސް ސަންޗޭޒް އެމްޕޯލީ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
އިޓާލިއަން ސެރިއޭގައި ހޯމަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އެމްޕޯލީ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން އިންޓަ މިލާން ކާމިޔާބުކޮށްފިއެވެ.
މެވުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، ފުރަތަަމަ ހާފުގެ ވަރަށް ކުރީކޮޅު އިންޓަ މިލާނުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ފެޑެރިކޯ ޑިމާކޯ އެވެ.
މިއީ އެޓީމުގެ ޑިފެންޑަރު އަލެސާންޑްރޯ ބަސްޓޮނީ އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް އެމްޕޯލީގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ އެއްފަހަރުން ޖަހައި ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އިންޓަ މިލާންގެ ލަނޑަށްފަހު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އިންޓަ މިލާން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި އިންޓަ މިލާނުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 81 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޗިލީގެ ތަޖުރިބާކާރު ފޯވާޑް އެލެކްސިސް ސަންޗޭޒް އެވެ.
މިއީ އެޓީމުގެ ނެދަލޭންޑްސް ޑިފެންޑަރު ޑެންޒެލް ޑަމްފްރީސް އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް އެމްޕޯލީގެ ގޯލު އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އިންޓަ މިލާން ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 30 މެޗުން އިންޓަ މިލާނަށް 79 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. އަދި ދެވަނަގައި އޮތް އޭސީ މިލާނަށް 30 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި އެމްޕޯލީ އިން ލީގުގައި ކުޅުނު 30 މެޗުން ލިބުނު 25 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 18 ވަނައިގައެވެ.