ޔަހޫދީން ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ބޮން އަޅައި 5 މީހަކު މަރާލައިފި
އަހުމަދު ޝުރާއު
4/1/2024, 6:24:11 PM
ޔަހޫދީން ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ހަމަލާދިނުން
ސޫރިޔާގެ ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އެތައް ބަޔަކު މަރުވެފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއާއި ސޫރިޔާގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ޔަހޫދީ އިސްރާއިލުން ދިން މި ރޮކެޓް ހަމަލާގައި 5 މީހަކު ވަނީ މަރުވެފައި އެވެ. މި ހަމަލާގައި މަރުވި ފަސް މީހުންގެ ތެރޭގައި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ އެލީޓް ޤުދުސް ފޯސްގެ ސީނިއާ ކޮމާންޑަރެއް ކަމަށްވާ ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ރިޒާ ޒަހެދީ ވެސް ހިމެނޭ ކަމަށް އީރާނުގެ މީޑިއާތަކުން ބުނެ އެވެ.
އީރާނުގެ ސަފީރު ހުސެއިން އަކްބަރީ ވިދާޅުވީ މި ހަމަލާގައި ފަސް މީހަކު މަރުވެފައިވާ ކަމަށާއި އިރާނުން މިކަމުގައި ދޭ ރައްދު މާ ހަރުކަށި ވާނެ ކަމަށެވެ. މި ހަމަލާގައި އީރާނުގެ ސަފީރު ހުސެއިން އަކްބަރީއަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ސޫރިއާގެ ޚާރިޖީ ވަޒީރު ފައިސަލް މެކްދާދުވެސް ވަނީ ޓެރަރިސްޓް ހަމަލާ ކުށްވެރިކުރައްވާފައެވެ. ސޫރިޔާގެ ދައުލަތުގެ ނިއުސް އެޖެންސީ ސަނާއިން ނެރުނު ބަޔާނެއްގައި މެކްދާދު ވިދާޅުވެފައިވަނީ ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓް އިމާރާތަށް އަމާޒުކޮށް ދިން މި ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރަބްދުاللهޔަން ވަނީ މި ހަމަލާއަކީ ބައިނަލްއަގްވާމީ އެންމެހާ މަސްއޫލިއްޔަތުތަކާއި މުއާހަދާތަކާ ހިލާފު ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވައި އިސްރާއީލަށް މީގެ ރައްދު ދޭނެކަން ހާމަކުރައްވާފައި އެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް އިން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާއަށް ފަހު އިޒްރޭލުން ވަނީ ލުބުނާނުގެ އީރާނަށް ތާއީދުކުރާ ހިޒްބުالله ލަޝްކަރާއި ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ތާއީދުކުރާ އީރާނުގެ އައިއާރްޖީސީއާ ދެކޮޅަށް ސީރިއާއަށް ވައިގެ ހަމަލާތައް ވަރުގަދައަށް ދެމުންނެވެ.
ދިމިޝްގުގައި މި ބޮން ގޮއްވާލާފައި މިވަނީ ސޫރިޔާގެ އުތުރުގެ ޕްރޮވިންސް އަލެޕޯއަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި އެތައް ބަޔަކު މަރުވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.