ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޖެހިލުމެއް ނެތި މަސައްކަތް ކުރާނަން - ރައީސް ސޯލިހް
އަލްފާ އަލީ
3/31/2024, 9:29:35 AM
ރައީސް ސޯލިހް --
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކޮށް ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހިލުމެއް ނެތި އެމްޑީޕީ މެމްބަރުން މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މާލެ ސަރަހައްދުގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވަނީ މި ސަރުކާރުން ކަންކަން ފޮރުވަން އުޅޭ ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ހޯއްދަވައިގެން ސަރުކާރު ޖަވާބުދާރީކުރުވުމަށް އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
"މި އިންތިޚާބުގައި އަޅުގަނޑުމެން ސާފު އަޣުލަބީއްޔަތު، މަޖިލީހުގައި މިފަހަރުވެސް ނަގާނަން. އެއަށްފަހު މި ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަން ޖެހޭ ކަންތައްތައް، ހުއްޓުމެއް ނެތި ޖެހިލުމެއް ނެތި އަޅުގަނޑުމެން މެންބަރުން ކުރާނެ." - ރައީސް ސޯލިހް ވިދާޅުވި އެވެ.
މި ޖަލްސާގައި ރައީސް ސޯލިހު ވަނީ މި ސަރުކާރަށް ފާދުވިދާޅުވެ، ގިނަ މަޝްރޫޢުތައް ހުއްޓާލާފައިވާކަމަށް ތުހުމަތުކުރައްވާފައެވެ. އެގޮތުން 1700އަށްވުރެ ގިނަ މަޝްރޫޢު ހުއްޓުވާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މި ސަރުކާރުން ބުނެފައިވަނީ ކުރީ ސަރުކާރުން ފެށި ބައެއް މަޝްރޫއުތައް ފަށާފައިވަނީ ފައިސާ ހޯދާނެގޮތެއް ކަށަވަރުނުކޮށް ކަމަށާއި، އަދި ބައެއް މަޝްރޫޢުތައް ހުއްޓިފައިވަނީ ކޮންޓްރެކްޓަރުންނަށް ކުރީ ސަރުކާރުން ދޭނެ ޖެހޭ ފައިސާ ދީފައިނުވުމުން ކަމަށެވެ. މިގޮތުން ކޮންޓެކްތަރުން ލައްވައި މަސައްކަތް ފަށާއި، ފައިސާ ނުދީ ހުރި ބިލްތަކަށް 9 ބިލިއަން ރުފިޔާ އަރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިއާއެކު އެ ބިލްތަކަށް ފައިސާ ދައްކައި، އަލުން އެ މަޝްރޫޢުތައް ފަށަމުން އަންނަކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލިސް މެޖޯރިޓީ މިހާރުވެސް އޮތް އެމްޑީޕީން، މި ސަރުކާރުން ކުރިއަށް ގެންދާ ބައެއް މަޝްރޫޢުތަަށް ކުރިއަށް ގެންދިޔުމަށް ހުރަސް އަޅާކަމަށް މި ސަރުކާރުން ވަނީޫ ބުނެފައެވެ.