އެއްކުޅުތެރިއަކު މަދުކޮށް ކުޅުނު ލަސް ޕަލްމަސް އަތުން ބާސެލޯނާ އަށް އުނދަގޫ މޮޅެއް
ހަސަން ޝަމްއޫން
3/31/2024, 2:58:27 AM
ރަފީނިއާ ލަސް ޕަލްމަސް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ލަސް ޕަލްމަސް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެ ބާސެލޯނާ އިން ލީގު ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެމެދުގައިވާ ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮށްފި އެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓުކުރި އިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
އެގޮތުން ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ބާސެލޯނާގެ ބްރެޒިލް ފޯވާޑް ރަފީނިއާ އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ބާސެލޯނާގެ ކައުންޓާ އެޓޭކެއް ހުއްޓުވަން އުޅުމުގެތެރޭގައި ލަސް ޕަލްމަސްގެ ކީޕަރު އަލްވާރޯ ޕެނަލްޓީ އޭރިއާގެ ބޭރުން ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ.
މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ. އަދި ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފު ފެށިގެން 14 ވަނަ މިނެޓުގައި ބާސެލޯނާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރަފީނިއާ އެވެ. މިއީ އެޓީމުގެ ޕޯޗުގަލް ފޯވާޑް ޖޮއާއު ފެލިކްސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ބާސެލޯނާ އިން ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 30 މެޗުން ބާސެލޯނާ އަށް 67 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ލަސް ޕަލްމަސް އިން ލީގުގައި ކުޅުނު 30 މެޗުން ލިބުނު 37 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 12 ވަނައިގައެވެ.