ހަސަން ޝިޔާމްގެ ކެންޑިޑެސީ ބާތިލްކޮށްފި
އަލްފާ އަލީ
3/28/2024, 11:40:00 AM
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު މެދު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޝިޔާމް --
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު މެދު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.
ހަސަން ޝިޔާމްގެ ކެންޑިޑަސީ ސައްހަ ކަމާ މެދުގައި ސުވާލު އުފެދި ކެންޑިޑަސީ ބާތިލުކޮށްދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ކޮއްކޮ އިލްޔާސް އަހުމަދެވެ.
އިލްޔާސް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، އިލެކްޝަންސް ކޮމިޝަނުން ޝިޔާމްގެ ކެންޑިޑަސީ ބަލައިގެންފައިވަނީ، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ޝަރުތު ފުރިހަމަ ނުވާ އިރެއްގައެވެ. އެގޮތުން އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެމެ, ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ.
ހަސަން ޝިޔާމްގެ ކެންޑިޑަސީ ބާތިލުކޮށްފައިވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލަ ބެއްލެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު ހުސްނުއްސުއޫދު، އަދި ފަނޑިޔާރު އައިޝާ ޝުޖޫންއެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މުހައްމަދު އިބްރާހިމެވެ.