ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ފުރުސަތު ހޮނިހިރު ދުވަހު ހުޅުވާލަނީ
އައިޝަތު އިފާޝާ
3/27/2024, 8:13:23 AM
.
އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުމުގެ ޙައްގު ލިބޭ މީހުންގެ ފައިނަލް ލިސްޓުގައި ސޮއިކުރުމުގެ ފުރުސަތު ހޮނިހިރު ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް އިން ނެރުނު އިއުލާނެއްގައި ވިދާޅުވީ, ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގައި ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުންނަށްވެސް ސޮއިކުރެވޭނެ ކަމަށެވެ. އެގޮތުން އެފުރުސަތު އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:30 އިން އާދީއްތަ ދުވަހުގެ ރޭ 12:00 އާ ހަމައަށް ހުޅުވާލަން ނިންމާފައިވާ ކަމަށް އެކޮމިޝަނުން ނެރުއްވި އިއުލާނުގައި ވިދާޅުވެފައިވެއެވެ.
ވޯޓަރސް ލިސްޓުގައި ސޮއި ކުރުން ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަނުން ދަރުބާރު ގޭގައި ގާއިމުކޮށްފައިވާ އިންތިޚާބާ ބެހޭ މަރުކަޒުގައެވެ. ކެންޑިޑޭޓުންގެ ބަދަކުގައި ސޮއިކުރުމަށް ކަނޑައަޅާ ފަރާތްތަކުން ކެންޑިޑޭޓުގެ ސިޓީއަކާއި އައިޑީކާޑު ކޮޕީއެއް އަދި އައިޑީކާޑުގެ އަސްލު ގެންދަން ޖެހޭނެ ކަމަށް އިލެކްޝަނުން ވިދާޅުވިއެވެ.
ފައިނަލް ވޯޓަރސް ލިސްޓުގައިވާގޮތުން އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބެއެވެ. މީގެ ތެރޭގައި 139،361 އަންހެނުންނާއި 145،302 ފިރިހެނުން ހިމެނެއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުުރުމަށް އަންނަ މަހު ބާއްވާ އިންތިޚާބުގައި 93 ދާއިރާއަކަށް 369 ކެންޑިޑޭޓުން ވާދަކުރައްވައެވެ.