މަޖިލިސް އިންތިޚާބުގެ ފައިނަލް ވޯޓަރސް ލިސްޓް ޢާންމުކޮށްފި
އައިޝަތު އިފާޝާ
3/25/2024, 2:41:38 PM
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ޢާންމުކޮށްފިއެވެ.
ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓްރޭޝަންގެ މަރުހަލާ ނިންމުމަށްފަހު ފައިނަލް ވޯޓަރސް ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ގެޒެޓުކޮށް އެކޮމިޝަނުގެ ރަސްމީ ވެބްސައިޓުގައި ވަނީ އާންމުކުރައްވާފައެވެ.
ދާއިމީ ލިސްޓުން ދައްކާގޮތުގައި މިއަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބެއެވެ. މީގެ ތެރޭގައި ހިމެނެނީ 139،361 އަންހެނުންނާއި 145،302 ފިރިހެނުން ހިމެނެއެވެ.
މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް މި ފަހަރު މެންބަރުން އިންތިޚާބުކުރާނެއެވެ. މި އިންތިޚާބުގައި 369 މެންބަރުން ވާދަކުރައްވާނެއެވެ. ރީ-ރަޖިސްޓްރޭޝަން މަރުހަލާ ނިންމުމަށްފަހު ވޯޓު ފޮށި ބަހައްޓާނެ ޢަދަދުތަކަށްވެސް އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ބަދަލުގެނެސްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާގޮތުގައި މިފަހަރުގެ އިންތިޚާބުގައި 602 ވޯޓު ފޮށި ބަހައްޓާނެއެވެ. އެގޮތުން މާލޭގައި 181 ފޮށި، ހުޅުމާލޭގައި 51 ފޮށި އަދި ވިލިމާލޭގައި 9 ވޯޓު ފޮށި ބަހައްޓާނެއެވެ. މި އިންތިޚާބުގައި އަތޮޅުތަކުގައި 319 ވޯޓު ފޮށި ބަހައްޓާއިރު ރާއްޖެއިން ބޭރުގެ 3 ޤައުމަކާއި، ރިސޯޓުތަކުގައި 34 ވޯޓު ފޮށި އަދި ޖަލުތަކުގައި 5 ފޮށި ބަހައްޓާނެކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.
ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނެ ޤައުމުތައް ކަނޑައަޅާފައިވަނީ ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވި މީހުންގެ ނިސްބަތަށް ބެލުމަށްފަހުކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ. ބޭރު ޤައުމުތަކުގައި ވޯޓު ފޮށި ބަހައްޓަނީ މަދުވެގެން 150 މީހުން ވޯޓުލާން ރަޖިސްޓްރީ ކުރުމުންނެއެވެ. އަދި ރިސޯޓްތަކުގައި ވޯޓު ފޮށި ބަހައްޓަނީ އެ ރިސޯޓެއްގައި ވޯޓްލުމަށް މަދުވެގެން 30 މީހުން ރަޖިސްޓްރީ ކުރުމުންކަމަށް އިލެކްޝަން ކޮމިޝަނު ވިދާޅުވެއެވެ.
ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ، އިންޑިއާގެ ޓްރިވެންޑްރަމް އާއި ސްރީލަންކާގެ ކޮލަމްބޯގެ އިތުރުން މެލޭޝިޔާގެ ކުއަލަލަމްޕޫރުގައިއެވެ.