ޕާކިސްތާނުގައި ޖާނުން ފިދާވެގެން ދިން ނިރުބަވެރި ހަމަލާއެއްގައި ޗައިނާގެ 5 ރައްޔިތަކު މަރުވެއްޖެ
އަހުމަދު ޝުރާއު
3/26/2024, 10:41:47 AM
ހަމަލާއަށްފަހު ޕާކިސްތާނު ސިފައިން އެސަރަހައްދުގައި ހަރަކާތްތެރިވަނީ
ޕާކިސްތާނުގައި ޖާނުން ފިދާވެގެން ދިން ނިރުބަވެރި ހަމަލާއެއްގައި ޗައިނާގެ 5 ރައްޔިތަކު މަރުވެއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ޗައިނާގެ ގާފިލާއަކަށް ދިން ބޮމުގެ ހަމަލާއެއްގައި ޗައިނާގެ ފަސް މީހަކު މަރުވެފައިވާ ކަމަށް ފުލުހުންގެ އިސް އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފައި އެވެ.
މި ހަމަލާދީފައިވަނީ އިސްލާމްއާބާދުން ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ ދާސޫގައި ހުންނަ އެމީހުންގެ ކޭމްޕަށް ދަތުރުކުރަމުންދިޔަ ޗައިނާގެ އިންޖިނިއަރުންގެ ގާފިލާއަކަށް ކަމަށް ރިޕޯޓުތަށް ބުނެއެވެ. އެގޮތުން މިހަމަލާދީފައިވަނީ ޖާނުން ފިދާވެގެންކަމަށް ފުލުހުން ބުނެއެވެ.
"މި ހަމަލާގައި މަރުވެފައިވަނީ ޗައިނާގެ ފަސް މީހަކާއި އެމީހުންގެ ޕާކިސްތާން ޑްރައިވަރު،" ޕާކިސްތާނުގެ ފުލުހުންގެ އިސް އޮފިޝަލް ގަންދާޕޫރު ވިދާޅުވި އެވެ.
މި ހަމަލާދިން ސަރަހައްދަކީ ބޮޑު ޑޭމެއް ހުރި ތަނަކަށް ވާއިރު، މީގެ ކުރިން ވެސް އެ ސަރަހައްދަށް ވަނީ ހަމަލާދީފަ އެވެ. އެސަރަހައްދަކީ ޗައިނާ އިންޖިނިއަރުން މަސައްކަތް ކުރަމުން އަންނަ ސަރަހައްދަކަށް ވާއިރު 2021 ވަނަ އަހަރު ބަހެއްގައި އެއްޗެއް ގޮއްވާލި ހާދިސާގައި ޗައިނާގެ ނުވަ މީހުންނާއެކު 13 މީހުން ވަނީ މަރުވެފަ އެވެ.
ޚައިބަރު ޕަޚްތޫންޚުވާ ފުލުހުން ވަނީ މިއަދު ހާދިސާ ހިނގި ސަރަހައްދަށް ގޮސް ރިލީފް އޮޕަރޭޝަންތައް ފަށާފައެވެ.
މި ހަމަލާދީފައިމިވަނީ ޕާކިސްތާނުގެ ކަނޑުގެ އަސްކަރިއްޔާގެ ވައިގެ ބަނދަރަކަށް ހަތިޔާރު އެޅި ހަނގުރާމަވެރިން ހަމަލާދީ ޕެރަމިލިޓަރީ ސިފައިންގެ އެކަކު ޝަހީދުކޮށްލިތާ ގަޑިއިރުތަކެއް ފަހުންނެވެ.