ފެނަކައިގެ ކުރީ މެނޭޖްމެންޓުން ކުރިޔަށް ގެންދިޔަ 25 ޕްރޮޖެކްޓެއްގެ މައްސަލަ އޭސީސީއަށް ހުށަހަޅައިފި
އަހުމަދު ޝުރާއު
3/23/2024, 5:37:44 PM
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަންގެ ކުރީ މެނޭޖްމެންޓުން ކުރިޔަށް ގެންދިޔަ 25 ޕްރޮޖެކްޓެއްގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާކަން އެކުންފުނިން ހާމަކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު މިއަދު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އެކުންފުންޏަށް އިންތިހާއަށް ގެއްލުންވާގޮތަށް ބީއޯކިއުއެއް އަދި މާކެޓްގައި މިމަސައްކަތްތައް ކުރެވޭނެ އަގަށް ބެލުމެއްނެތި އަދި އެސެސްމެންޓެއްވެސް ނަހަދާ ، މަގާމުގެ ނާޖާއިޒު ފައިދާ ނަގާ، އިންހައުސްކޮށް ކޮށްފައިވާ 60 ކޮންސްޓްރަކްޝަން ޕްރޮޖެކްޓުގެ ތެރެއިން 25 ޕްރޮޖެކްޓުގެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
މުއާޒް ވިދާޅުވީ މި ޕްރޮޖެކްޓްތަކުން ފެނަކައަށް އެތައް މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށާއި އެތައް ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދެވި ކުންފުނި ވަނީ ބޮޑުތަނުން ދަރާފައި ކަމަށެވެ.
މުއާޒް އިތުރަށް ވިދާޅުވީ މި ކަންކަމުގައި ޒިންމާ ވާންޖެހޭ ފަރާތްތަކުގެ މައްސަލަ ލަސްނުކޮށް ބަލާ ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
ފެނަކައިން އޭސީސީއަށް ހުށަހެޅި މަޝްރޫއުތަކެއް
- ގދ.މަޑަވެލި ހޯނޑެއްދޫ ސީޕީއެސް
- ގދ.ވާދޫ އައު އޮފީސް އިމާރާތް
- ގދ. ތިނަދޫ އިންޖީނުގެ ރީލޮކޭޝަން
- ހއ.ދިއްދޫ އައު އިންޖީނުގެ
- ތ.ކަނޑޫދޫ އޮފީސް އިމާރާތް
- ތ.ވަންދޫ އޮފީސް އިމާރާތް
- ތ.ކިނބިދޫ އޮފީސް އިމާރާތް
- ހދ.ކުޅުދުއްފުށީ އިންޖީނުގެ
- ގއ.ވިލިނގިލީ އިންޖީނުގެ
- ގދ. ނަޑެއްލާ އިންޖީނުގެ ރީލޮކޭޝަން
- ށ.މާއުނގޫދޫ އިންޖީނުގެ
- ނ.ކުޑަފަރީ އިންޖީނުހެ
- ނ.ކެނދިކުޅުދޫ އިންޖީނުގެއާއި އޮފީސް އިމާރާތް
- ލ.ފޮނަދޫ އޮފީސް އިމާރާތް
- ރ.މީދޫ އޮފީސް އިމާރާތް
- ލ.އިސްދޫ/ކަލައިދޫ ސީޕީއެސް
- ލ.ކަލައިދޫ އޮފީސް އިމާރާތް
- ގދ.ގައްދޫ އޮފީސް އިމާރާތް
- ރ.އަނގޮޅިތީމު އިންޖީނުގެ
- ށ.މިލްންދޫ އިންޖީނުގެ
- ތ.އޮމަދޫ އޮފީސް އިމާރާތް
- ޏ.ފުވައްމުލައް ސީޕީއެސް
- ހއ.ކެލާ އޮފީސް އިމާރާތުގައި ނުނިމި ހުރި މަސައްކަތް
- މ.ކޮޅުފުށީ އޮފީސް އިމާރާތް
- . ތ.ހިރިލަންދޫ އޮފީސް އިމާރާތް
މުއާޒް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ކުރީ ސަރުކާރުން ފެށި ގިނަ މަޝްރޫއުތަކަށް ފައިސާ ނުދެވި މަސައްކަތް ވަނީ ހުއްޓިފައެވެ. އެ މަޝްރޫއުތަކަށް އެކަނި އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި މި ކަމުގައި ބޮޑު ހިޔާނާތެއް އެކުލެވޭ ކަމަށް ވެސް އޭރު އޭނާ ތުހުމަތު ކުރައްވާފައިވެއެވެ. އަދި މިގޮތަށް ހުރި މައްސަލަތައް އޭސީސީއަށް ހުށަހެޅުމަށް އެކުންފުނިން މަސައްކަތްކުރަމުން އަންނަކަންވެސް މުއާޒް ވަނީ ހާމަކޮށްފައި އެވެ.