ސްޕެއިން ބަލިކޮށް ކޮލަންބިއާ އިން މެޗަކުން ބަލިނުވެ 20 މެޗު ފުރިހަމަކޮށްފި
ހަސަން ޝަމްއޫން
3/23/2024, 2:05:02 AM
ކޮލަންބިއާ އާއި ސްޕެއިން ވާދަކުރި މެޗުގެ ތެރެއިިން
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ހުކުރުދުވަހުގެ ރޭ 1-0 ގެ ނަތީޖާއަކުން ސްޕެއިން ބަލިކޮށް ކޮލަންބިއާ އިން މެޗަކުން ބަލިނުވެ 20 މެޗު ފުރިހަމަކޮށްފި އެވެ.
2022 ވަނަ އަހަރުގެ ފެބުރުއަރީ މަހު ވޯލްޑްކަޕް ކޮލިފައިންގައި 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ އަތުން ބަލިވި މެޗަށްފަހު މިހާތަނަށް ކޮލަންބިއާ އިން ކުޅުނު 20 މެޗުގެ ތެރެއިިން 15 މެޗުން އެޓީމު މޮޅުވެފައި ވާއިރު ފަސް މެޗު ނިމިފައި ވަނީ އެއްވަރުވެގެންނެވެ.
ސްޕެއިން އެންމެ ފަހުން ކުޅުނު 9 މެޗުން އެޓީމު މޮޅުވެފައި ވާއިރު، މިއީ 2023 ވަނަ އަހަރުގެ މާޗްމަހު 2-0 ގެ ނަތީޖާއަކުން ސްކޮޓްލޭންޑް އަތުން ސްޕެއިން ބަލިވި ފަހުން އެޓީމު މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.
އިގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ކޮލަމްބިއާ އިން މެޗުގެ ލީޑު ހޯދީ ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕްރެމިއާ ލީގުގެ ކްރިސްޓަލް ޕެލަސް އަށް ކުޅެމުން އަންނަ ޑިފެންޑަރު ޑެނިއަލް މުނޯޒް އެވެ. މިއީ އެޓީމުގެ ލިވިޕޫލް ފޯވާޑް ލުއިސް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ކޮލަމްބިއާ ކުރީގައި އޮވެގެންނެވެ.
މިދެޓީމު އެންމެ ފަހުން 2017 ވަނަ އަހަރު ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި ވާއިރު، ކޮލަމްބިއާ އަތުން އެންމެ ފަހުން ސްޕެއިން މޮޅުވެފައި ވަނީ 2011 ވަނަ އަހަރު 1-0 ގެ ނަތީޖާއަކުންނެވެ.