
ހިޔާ ފްލެޓަށް އިތުރުކުރެވޭ ލިފްޓްތަކާއެކު ބަލި މީހުން އުފުލުމަށް ހައްލު ލިބޭނެ - ރައީސް
# ރައީސް މުއިއްޒު# ހިޔާ ފްލެޓުހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެމުން އަންނަ ހިޔާ ފްލެޓްތައް ---
ހިޔާ ފްލެޓްތަކުގެ ލިފްޓް ހަރުކުރުމުގެ މަޝްރޫއު ނިމިގެންދާއިރު ބަލި މީހުން އުފުލުމުގެ ކަންކަމަށް ހައްލެއް ލިބިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި އާއްމު ރައްޔިތަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކުރާއިރު ބަލިމީހުން އުފުލާ ބާލަން ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެތޯ ބެލުމަށް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ހިޔާ ޓަވަރުތަކުގެ ލިފްޓް ހަރުކުރުމުގެ މަސައްކަތް ކުރާއިރު ބަލި މީހުން އުފުލުމަށް ޚާއްސަ ނުވަތަ ސްޓްރެޗަރ އުފުލޭނެ އިންތިޒާމްވެސް ހަމަޖައްސަވާނެކަމަށެވެ. އަދި އެ މަޝްރޫއު ނިމޭއިރު ބަލިމީހުން އުފުލުމުގެ ކަންކަމަށްވެސް ހައްލު ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ހިޔާ ފްލެޓަށް ލިފްޓް އިތުރުކޮށްދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ހުޅުމާލޭ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަށް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕް އާ ވަނީ ހަވާލުކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން ހިޔާ ފްލެޓްތަކުގައި މުޅި ޖުމްލަކޮށް 32 އާ ލިފްޓް ބެހެއްޓިގެންދާނެއެވެ. އެއީ ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖަރ އަދި ސްޓްރެޗަރ ލިފްޓެކެވެ. ޕެސެންޖަރ ލިފްޓުގައި 14 މީހުންގެ ކެޕޭސިޓީ ހުންނާނެއެވެ.








