ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަމެއް އަތުވެދާނެ ފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރަން - އީސީ
އައިޝަތު އިފާޝާ
3/16/2024, 11:30:41 AM
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: އީސީ
ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަމެއް އަތުވެދާނެ ފަދަ ކަންކަން ނުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކުރައްވައިފިއެވެ.
އީސީން ވިދާޅުވީ, ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަމެއް އަތުވެދާނެ ފަދަ ކަމެއް އެހެން ފަރާތަކުން ކުރާނަމަ, އެކަމުގެ ޝަކުވާ ހުށަހަޅައި އެކަމެއް ހުއްޓުވައިދިނުމަށް އެދުމުގެ ޙައްޤު އެ ކެންޑިޑޭޓަކަށް ލިބިގެންވާ ކަަމަށެވެ. އަދި މިފަދަ ކަންކަން ފާހަގަކުރެވޭނަމަ, ގުޅުންހުރި އިދާރާތަކަށް މައްސަލަ ހުށަހަޅުއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވެއެވެ.
އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ)ގައި - އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި, އެހެން ކެންޑިޑޭޓޭއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކޮށްގެންނުވާނެ ކަމަށް ބަޔާންކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދު 2024 ގެ 24 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރުގައި, ތާއީދު ހޯދުމުގެ ގޮތުން ކެންޑިޑޭޓަކު ނުވަތަ އޭނާ ނިސްބަތްވާ ޕާޓީއަކުން ނުވަތަ އެ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ބަހައްޓާ ޕޯސްޓަރު ނުވަތަ ނިޝާން, ނުވަތަ އެ ކެންޑިޑޭޓަކު ރަމްޒުކޮށްދޭ އެފަދަ އެހެންވެސް އެއްޗެއް, އެހެން ކެންޑިޑޭޓަކަށް ނުވަތަ އެހެން ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ނައްޓައި, ހަލާކުކޮށް ގެއްލުން ދީގެން ނުވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިފަދައިން އިލްތިމާސްކޮށްފައި ވާއިރު, މަޖިލިސް އިންތިޚާބުގެ ކެމްޕެއިންއަށް ބައެއް ކެންޑިޑޭޓުންގެ ފަރާތުން ބޭނުންކުރާ ބައެއް ޕޯސްޓަރު ފަދަ ތަކެއްޗައް ބައެއް ފަރާތްތަކުން ގެއްލުންދީފައިވެއެވެ.