
-
ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ އަދަދަށް މެންބަރުން ހަމަވެފައިނުވާތީ، މިއަދުން ފެށިގެން މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް، އެމް.ޓީ.ޑީ އުވާލަން ނިންމައިފިއެވެ.

އީސީން މިއަދު ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 (ތިންހާސް) މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3000 (ތިންހާސް) މެންބަރުން އެމްޓީޑީއަށް ހަމަކުރެވިފައިނުވާކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
މިއަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އެމްޓީޑީއަށް ދިން ނޯޓިސްގެ މުއްދަތު ހަމަވިއިރު، އެޕާޓީގެ ރަޖިސްޓްރީގައި ތިބީ 2277 މެމްބަރުންކަމަށާއި ނޯޓިސް މުއްދަތުގެ ތެރޭގައި ޕާޓީއަށް މެމްބަރުން ރަޖިސްޓްރީވެފައި ނުވާކަމަށްވެސް އީސީން ވަނީ ބުނެފައި އެވެ.
ނޯޓިސް މުއްދަތު ހަމަވި ދުވަހު، މެމްބަރުން ހަމަކުރުމަށް އިތުރު 3 މަސްދުވަސް ދިނުމަށް އެދި އެޕާޓީން އިލެކްޝަނަށް ހުށައަޅާފައި ވީނަމަވެސް އެއީ ޤާނޫނު އަސާސީން އިލެކްޝަންސް ކޮމިޝަނަށް ލިބިދޭ ބާރެއް ނޫންކަމުން އެޕާޓީން އެދުނު މުއްދަތު ދީފައިނުވާކަމަށް އިލެކްޝަނުން ވަނީ ފާހަގަކޮށްފައި އެވެ.ޤާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެޕާޓީން މެމްބަރުން ހަމަކޮށްފައިނުވާތީ، ޤާނޫނުގައި ބަޔާންކުރާގޮތުގެ މަތިން ޖޫން މަހުގެ 3 ވަނަ ދުވަހު އެޕާޓީ އުވާލުމަށް ނިންމައި އެކަން އެޕާޓީއަށް އަންގާ 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ޕާޓީގެ މުދަލާއި ދަރަންޏާއި މެދު ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކުރާގޮތުގެ މަތިން، ޢަމަލުކުރުމަށްފަހު އެކަން ލަސްވެގެން 15 ދުވަހުގެ ތެރޭގައި ކޮމިޝަނަށް އެންގުމަށް ޕާޓީއަށް އަންގާފައިވެއެވެ.
މިމުއްދަތު މާދަމާއަށް ހަމަވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ އެޕާޓީ، އުވާލާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އެޕާޓީ އުނިކޮށްފައިވާކަން ޢިއުލާންކޮށްފައެވެ.