މަޖިލިސް އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ސުންގަޑި އަކީ މާދަމާ މެންދުރުފަހު 3!
އަހުމަދު ޝުރާއު
3/15/2024, 4:20:53 PM
އީސީ
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ރީރަޖިސްޓްރީކުރުމަށް ދިން އިތުރު ފުރުސަތު މާދާމާގެ މެންދުރު ފަހު 3 އަށް ހަމަވާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ރީރަޖިސްޓްރީ ކުރުމަށް އިތުރު ފުރުސަތަކަށް މިދިޔަ އާދީއްތަ ދުވަހު ހުޅުވާލީ އިންތިހާބު ބާއްވާ ތާރީހަށް ބަދަލު އައުމާއި ގުޅިގެންނެވެ. މީގެ ކުރިން މިމަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރިނަމަވެސް ގާނޫނަށް ގެނެވުނު އިސްލާހަކާއެކު ރޯދަމަހުގައި އިންތިހާބު ބޭއްވުމުގެ ފުރުސަތު ނުލިބޭތީ އިލެކްޝަންސް ކޮމިޝަނުން ވަނީ އޭޕްރިލް މަހު 21ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ނިންމާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު މާދަމާ މެންދުރުފަހު 3:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މިކަމަށް އެދި ހުށަހަޅަން ޖެހެނީ އޮންލައިންކޮށް ކަމުން ދުރާލާ ރީރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ރީ-ރަޖިސްޓްރީވުމަށް form.elections.gov.mv އަށް ދިޔުމުން އީފާސް މެދުވެރިކޮށް އަދި އީފާސްއާ ނުލާވެސް ރީރަޖިސްޓަރ ކުރެވޭނެ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. އަދި 1414 އަށް އެސްއެމްއެސް ކުރުމުން ވޯޓުލުމަށް މިހާރު ރަޖިސްޓްރީވެފައިވާ ތަން ކަށަވަރުކުރެވޭނެ ކަމަށްވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.
މި އިންތިހާބުގެ ތާރީހަށް އައި ބަދަލާއެކު 284888 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. އެއީ އިންތިހާބު ފަސްކުރުމާއި ގުޅިގެން ވޯޓުލުމުގެ ހައްގު ލިބުނު 561 ޒުވާނުންނާއެކުގައެވެ. މި އިންތިހާބުގައި ޖުމްލަ 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާނެއެވެ.