ރާއްޖޭގެ އެކި ހިސާބުތަކުން ޒުވާން ޚަތީބުން ފެނިގެން ދިޔަ އުފާވެރި ދުވަހެއް!
# އިސްލާމިކް މިނިސްޓްރީ# ޒުވާން ޚަތީބުންތިނަދޫ ސިޓީ އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރުނަމާދު ކުރެއްވި އަލްހާފިޒް އާހިލް މުހައްމަދު ޒާހިރު ---ފޮޓޯ| ތިނަދޫ ސިޓީ ކައުންސިލް
މިއަދަކީ ރާއްޖޭގެ އެކި ހިސާބުތަކުން ޒުވާން ޚަތީބުން ފެނިގެން ދިޔަ އުފާވެރި ދުވަހެކެވެ. މި ފަދަ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ކުރުމަށް ޒުވާން ޚަތީބުންނަށް ފުރުސަތު ލިބިގެން ދިޔުމީ މުޅި ރާއްޖެވެސް އެކަމަށް ފަހުރުވެރިވާ ކަމެކެވެ.

އަޅުގަނޑުމެންގެ މުސްތަގުބަލް މިއަދުގެ ޒުވާނުންގެ ފަރާތުން ފެންނަން ބޭނުންވާ މި ފަދަ އުފާވެރި މަންޒަރުތަކެއް ފެނިގެން ދިޔުމީ އެތަކެއް ބައެއްގެ ތައުރީފު އެޒުވާނުންނަށް ލިބިގެން ދިޔަ ކަމަކަށެވެ.
ޒުވާން ޚަތީބުން ތަމްރީނު ކުރުމަށް ސަރުކާރުން ހިންގި ޕްރޮގްރާމްގެ ދަށުން، މާލޭގެ ހަތަރު މިސްކިތެއްގައި މިއަދު ޒުވާން ޚަތީބުން ވަނީ ހުކުރުކޮށްފައެވެ.
ހުޅުމާލޭގައި ހުންނަ މަސްޖިދުލްއަމާނީގައި ހުކުރުކުރި، ތާޖުއްދީން ސްކޫލުގެ ދަރިވަރު، ހުސެން ޒައިން އަލީ އަކީ އޯޓިސްޓިކް ކުއްޖެކެވެ. ނަމަވެސް އޭނާގެ ފަރާތުން ފެނުނީ މިކަމަށް އޮތް ޝައުގުވެރިކަމެވެ. ހުކުރު މިސްކިތުގައި މިއަދު އިމާމްވެ ހުކުރު ކުރެއްވީ ސީއެޗްއެސްސީގެ ދަރިވަރު ނައުފަން ނިޔާފެވެ. ނައުފަން އަކީ ގުރުއާންގެ 17 ފޮތް ހިތު ދަސްކޮށްފައިވާ ވަރަށް ރީތިކޮށް ގުރުއާން ކިޔަވާ ކުުއްޖެކެވެ.
ތައިބާ މިސްކިތުގައި އިމާމްވެ ހުކުރު ކުރެއްވީ އަރަބިއްޔާ ސްކޫލްގެ ދަރިވަރު ސުލައިމް މުހައްމަދު ލަތީފެވެ. އޭނާ އަކީ ގުރުއާންގެ 23 ފޮތް ހިތުދަސްކޮށްފައިވާ އިމާމުންގެ އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. އީދު މިސްކިތުގައި އިމާމުވެ ހުކުރު ނަމާދު ކުރީ، ހއ. ތަކަންދުއަށް އުފަން ޒުވާން ޚަތީބު އަބްދުލްމަތީން މުހައްމަދެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެހެސް ސަރަހައްދުތަކުންވެސް ޒުވާން ޚަތީބުން ވަނީ މިއަދު ފެނިގެން ގޮސްފައެވެ. އެގޮތުން ތިނަދޫ ސިޓީ، މ. މުލިި، ހދ. މަކުނުދޫ، ތ. އޮމަދޫގައިވެސް ޒުވާން ޚަތީބުން ވަނީ އިމާމްވެ ހުކުުރުކޮށްފައެވެ.
މިއަދަކީ ތިނަދޫ ސިޓީއަށްވެސް ތާރީހީ ދުވަހެކެވެ. އެގޮތުން ތިނަދޫ އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރުކުރެއްވީ އަލްހާފިޒް އާހިލް މުހައްމަދު ޒާހިރު އެވެ. އަލްޙާފިޒު އާހިލް މުޙައްމަދު ޒާހިރަކީ ތިނަދޫގައި ހުރެ އޭނާގެ މަދުރަސީ ޙަޔާތް ނިންމަމުންދާ، އަދި ޤުރުއާން ހިތުދަސްކޮށް ޙާފިޒު ކަމުގެ ދަރަޖަވެސް ލިބިލައްވާފައިވާ ތިނަދޫ ސިޓީގެ ފަޚުރުވެރި ދަރިއެކެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާން ޚަތީބުން އިމާމްވެ ހުކުރު ކުރެއްވިކަން ފާހަގަކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ، ގައުމުގެ މިސްރާބު ހުރީ ހެޔޮ ދިމާއަށް ކަމަށާއި، މިކަން ބަދަލުކުރަން އެއްވެސް ބަޔަކަށް ފުރުސަތުދީގެން ނުވާނެ ކަމަށެވެ.
ގުޅުންހުރި

މިއަހަރުގެ މިހާތަނަށް 738 އިމާމުންނަށް ތަމްރީނުދީފި

މާލެ ސިޓީ އިމާމުންނަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް ނިންމާލައިފި

މާލެ ސަރަހައްދުގައި އިތުރު ދެ ވަގްފު މަޝްރޫއު ފެށުމަށް ތައްޔާރުވަނީ





