ސުނިލް ގްރޯވަރާއި އެކު ކަޕިލް ޝަރްމާގެ އައު ޝޯ ނެޓްފްލިކްސްއަށް
އަހުމަދު ޝުރާއު
3/14/2024, 5:53:20 PM
ސުނިލްއާއި ކަޕިލް
އިންޑިއާގެ އެންމެ މަަޝްހޫރު ކޮމެޑީ ޝޯ ކަޕިލް ޝަރްމާ ޝޯ ނެޓްފްލިކްސްއަށް އަންނަން ތައްޔާރުވެއްޖެ އެވެ.
އިންޑިއާގެ ކޮމީޑިއަން ކަޕިލް ޝަރްމާއާއި އޭނާގެ ޓީމުން އަމިއްލަ ޝޯއެއް ނެރެން ފެށީ 2013 ވަނަ އަހަރުން ފެށިގެންނެވެ. އެގޮތުން ފުރަތަަމަ ކަޕިލްގެ އަމިއްލަ ކޮމެޑީ ޝޯއެއް ކޮމެޑީ ނައިޓްސް ވިތު ކަޕިލްގެ ނަމުގައި ގެނައީ ކަލާސް ޓީވީއިންނެވެ. އޭގެ ތިން އަހަރު ފަހުން 2016 ވަނަ އަހަރު ކަޕިލް ވަނީ ސޮނީ ޓީވީއާއި އެކު އެއްބަސްވުމެއް ހަދައި ދަ ކަޕިލް ޝަރްމާގެ ޝޯގެ ނަމުގައި ސޮނީއިން އޭނާގެ އަމިއްލަ ކޮމެޑީ ޝޯ އެއާކުރަން ފަށާފައި އެވެ.
ކަޕިލް ޝަރްމާ ސޮނީއާއި އެކު ހަދާފައިވާ އެއްބަސްވުން މިއަހަރު ހަމަވެފައިވާއިރު އޭނާ ވަނީ އޭނާގެ އައު ޝޯ މިމަހުގެ ފަހުކޮޅު ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިންގ އެޕް ނެޓްފްލިކްސްގައި ދައްކަން ފަށާނެކަން ހާމަކޮށްފައި އެވެ.
އެގޮތުން މި ދަ ގްރޭޓް އިންޑިއަން ކަޕިލް ޝަރްމާ ޝޯގެ ނަމުގައި ފަށާ މި ޝޯ ނެޓްފިލިކްސްއަށް އަންނަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ. އަދި މި ޝޯގެ އާ އެޕިސޯޑްތައް ކޮންމެ ހޮނިހިރު ދުވަހެއްގައި އަންނާނެކަން ކަޕިލް ވަނީ ހާމަކޮށްފައި އެވެ.
ކަޕިލްގެ މި ޝޯ ޚާއްސަވާ ސަބަބެއް އެބައޮތެވެ. އެއީ މީގެ އަހަރުތަކެއް ކުރިން އޭނާއާއި މައްސަލަ ޖެހުނު އޭނާގެ އެންމެ ގާތް އެއް ރަހުމަތްތެރިޔާ ސުނިލް ގްރޯވަރު ވެސް މި ޝޯގައި އޭނާއާއި އެކު ބައިވެރިވުމެވެ. ކަޕިލް އާއި ސުނިލްގެ ދެމެދުގައި ބޮޑެތި މައްސަލަތަކެއް މީގެކުރިން ޖެހުނު އިރު އެަމައްސަލައަށް ހައްލުވެ މިހާރު އެދެމީހުންގެ އައު ޝޯގައި އެއްކޮށް ފެނިގެންދާނެކަން ވަނީ ޝޯގެެ ޓީޒާއިން ވެސް ހާމަވެގެން ގޮސްފައި އެވެ.
ސުނިލް ގްރޯވަރަކީ ކަޕިލް ޝަރްމާގެ ޝޯގައި ޑރ މަޝްހޫރު ގުލާޓީގެ ރޯލުން ގިނަ ބައެއްގެ ސަމާލުކަން ހޯދި ފަންނާނެކެވެ.
ކަޕިލް ޝަރްމާގެ ކޮމެޑީ ޝޯއަކީ ދުނިޔޭގެ އެެކި ކަންކޮޅުތަކުގައި މަޝްހޫރު ޝޯއަކަށް ވެފައިވާއިރު މި ޝޯއަށް ރާއްޖޭގައި ވެސް ވަރަށް ތަރުހީބު ބޮޑެވެ.