
މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނާ މާއްދާ ބާތިލުކުރަން ރިޔާސަތުން ހުށަހަޅައިފި
# ރައްޔިތުންގެ މަޖިލިސް# މުޙައްމަދު އަސްލަމްރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު އަސްލަމް -
ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާގޮތް ބަޔާންކޮށް މަޖިލީހުގެ ގަވައިދަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރަން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ހުށަހަޅައިފި އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން އަސްލަމް ވިދާޅުވީ، ސުޕްރީމް ކޯޓުން ކުރި ހުކުމުން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅާފައިވާތީ، އެ އިސްލާހު އުވާލުމަށް ހުށަހަޅުއްވާ ކަމަށެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކަށް ބަލާފައިވަނީ 87 އެވެ. އަދި މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަވާ އަދަދަކީވެސް 22 މެމްބަރުން ކަމަށް އަސްލަމް ވަނީ ބައްލަވާފައެވެ.
އަސްލަމް ވިދާޅުވީ ސުޕްރީމް ކޯޓުން މަޖިލީހުގެ ގަވައިދުގެ 242-1 ވަނަ މާއްދާ އުވާލާފައިނުވާ ކަމަށާއި، އެ މާއްދާ އުވާލެވެނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. ސުޕްރީމްކޯޓުން އެ މާއްދާ އުވާނުލާހާ ހިނދެއްގައި އެކަމާ މެދު ގޮތެއް ނިންމާނީ މަޖިލީހުން ކަމަށް ވިދާޅުވެ އަސްލަމް ވަނީ އެ މާއްދާ އުވާލުމާ މެދު ގޮތެއް ނިންމުމަށް ހުށަހަޅާފައެވެ. މި މައްސަލައިގައި ބަހުސް ކުރުމަށް މެންބަރުންނަށް ދީފައިވަނީ ޖުމުލަ އެއް ގަޑިއިރެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 49 ވަނަ މާއްދާއަށް (ކ)، (އ) އަދި (ވ) އިތުރުކޮށް މީގެކުރިން ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާނީ އެވަގުތު މަޖިލީހުގެ މެންބަރުކަމުގައި ދެމިތިބި މެންބަރުންގެ ޖުމުލަ އަދަދަށް ކަމަށެވެ. އަދި އެއްވެސް ސަބަބަކާހުރެ ގޮނޑިއެއް ހުސްވެއްޖެ ނަމަ މެންބަރަކު އިންތިހާބުކުރުމާ ހަމައަށް، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ދާއިރާއެއް ނުގުނާނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މި އިސްލާހާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުން ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވަނީ އެއީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ކަނޑައަޅައިފައެވެ.
ގުޅުންހުރި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން މަޖިލީހުން ފާސްކޮށްފި

ޑަބްލިއުޑީސީތަކަށް ރަސްމީ މުސާރަ އާއި ރޯދަ އިނާޔަތް ދޭން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިންޑިއާއަށް ފުރާވަޑައިގަންނަވައިފި
.jpg&w=3840&q=75)