އައްޑުއަށް ތަރައްގީ އަންނަކަން ކަށަވަރު ކުރަން އެމްޑީޕީއަށް އައްޑޫގެ މަޖިލިސް ގޮނޑިތައް ލިބެންޖެހޭ: ޝާހިދު
އަހުމަދު ޝުރާއު
3/7/2024, 1:58:00 PM
ޝާހިދު އައްޑޫގައި
އައްޑުއަށް ތަރައްޤީ އަންނަކަން ކަށަވަރުކުރުމުގައި އެމްޑީޕީ އަބަދުވެސް ދެމި އޮންނާނެކަމަށާއި، އެކަން ކުރުމަށް މަޖިލީހުގެ އައްޑޫ ގޮނޑިތައް އެމްޑީޕީއަށް ހޯދަން ޖެހޭކަމަށް އެޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިފަދައިން ވިދާޅުވީ އައްޑޫ މީދޫ އަދި ހުޅުދޫ ގައި މިއަދު އެމްޑީޕީ ކެމްޕޭން ޓީމްތަކާއެކު ބޭއްވި ބައްދަލުވުމުގައި އެވެ.
މި ބައްދަލުވުމުގައި ޝާހިދު ވަނީ އައްޑޫ ސިޓީގެ ތަރައްގީގެ މަސައްކަތް ހުއްޓިފައިވާ މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވެފައި އެވެ. އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތައް އެމްޑީޕީ ސަރުކާރުން ފައްޓާފައިވަނިކޮށް، މި ސަރުކާރުން އެމަސައްކަތް ހުއްޓުވައި، އެއްވެސް ތާކުންތާކު ނުޖެހޭ ކަންތައްތަކެއް މަޝްރޫއުތަކެއްގެ ގޮތުގައި ދައްކަން މަސައްކަތްކުރާކަމަށް ޝާހިދު ވިދާޅުވިއެވެ.
އައްޑޫގެ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހަންކެޑެއާއި އެނޫން މަޝްރޫއުތައް ހުއްޓިއްޖެކަމުގެ ކަންބޮޑުވުންވެސް ބައްދަލުވުމުގައި ޝާހިދު ފާޅުކުރެއްވި އެވެ.
ޝާހިދު ވަނީ ސަރުކާރުން ރައްޔިތުންނަށް ކުރަން ޖެހޭ ޚަރަދުތައް ނުކޮށް، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ސިޔާސީ ބޭނުންތަކަށް ފައިސާ ޚަރަދުކުރަމުންދާ ކަމަށްބުނެ އެކަމަށް ފާޑުވިދާޅުވެފައި އެވެ. އެގޮތުން ޝާހިދު ވިދާޅުވީ މަސްވެރިންނަށް 48 ގަޑިއިރުތެރޭ ޑޮލަރުން ފައިސާދޭން ބުނި ސަރުކާރަށް ދިވެހި ރުފިޔާއިންވެސް ފައިސާ ނުދެވޭއިރު، މަސްވެރިން އަތުން ނެގި މަސްކޮޅަށް ވީގޮތެއް، އެވިއްކައިގެން ލިބުނު ފައިސާއަށް ވީ ގޮތެއްވެސް ސަރުކާރަށް ބުނެ ނުދެވުނުކަން ޝާހިދު ވިދާޅުވިއެވެ.
އަދި އެފައިސާ ބޭނުންކުރަނީ ސިޔާސީ މަގާމުތަކުގެ މުސާރައާއި ވަޒީރުންގެ ކާރުކޮޅުގަތުންފަދަ ކަންކަމަށް ކަމަށް ބުނެ ޝާހިދު ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައި އެވެ.