
ލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވުން
ލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވައިފި އެވެ.

ނ.ލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން އެވެ.
ލަންދޫ މެޖިސްޓްރޭޓް ކޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކުރުމަށް ގޮންޖެހުންތަކެއް ހުރިކަމަށް ފާހަގަކުރެއްވިއެވެ. އެގޮތުން ފަނޑިޔާރުގެ މިނިވަން ކުރުމަށް ޖޭ.އެސް.ސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަންޖެހޭ ކަމަށާއި އެހެންނަމަވެސް، ޖޭ.އެސް.ސީ އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރުމަކުން އެކަނި ފަނޑިޔާރުގެ މިނިވަން ނުވާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އަދި ފަނޑިޔާރުން މިނިވަން ބަޔަކަށްވާނީ، ޤާނޫނު އަސާސީގައި އެކަމަށް ކަނޑައަޅާފައިވާ ގޮތަށް ޢަމަލުކުރުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ގިނަ ބައެއްގެ ތަޖުރިބާ ފަނޑިޔާރުގެއަށް އައުމަކީ ފަނޑިޔާރުގެ މުއްސަނދިވާނެ ކަމެއްކަމަށާއި އެކަމަށްޓަކައި ދެޖިންސުގެ ބޭފުޅުންވެސް ފަނޑިޔާރު ގޭގައި ތިއްބެވުން މުހިއްމުކަމަށާއި އެގޮތުން އަންހެން އަދި ފިރިހެން ބޭފުޅުންގެ ތަޖުރިބާ އަދި އެބޭފުޅުންގެ ޢިލްމާއި ޙިލްމު ޖުޑިޝަރީއަށް މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޖޭއޭ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ ވިދާޅުވީ ކޯޓުގެ އައު އިމާރާތާއެކު، ކޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އަދުލު އިންސާފަށް ފަސޭހައިން ވާސިލްވެވޭނެ މަގު ތަނަވަސް ކުރުމަށް ކުރަމުން ގެންދާ މަސައްކަތް އިތުރަށް ހަލުވިވެގެން ދާނެކަމަށެވެ.
އަދި އެކަމަނާ ވަނީ އިމާރާތުގެ މަސައްކަތް ފުރިހަމަކުރުމަށްޓަކައި ނ.ލަންދޫ ކައުންސިލް އާއި، ކޮންޓްރެކްޓަރ، ނ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓާއި، ލަންދޫ ކޯޓުގެ މެޖިސްޓްރޭޓާއި، މުވައްޒަފުންނާއި ޑީޖޭއޭގެ މުވައްޒަފުންގެ ބުރަ މަސައްކަތުގެ އަގުވަޒަން ކުރައްވާފައި އެވެ.
އުއްތަމަ ފަޑިޔާރު ލަންދޫއަށް ކުރައްވާ ދަތުރުފުޅަކީ ނ.ލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ރަސްމީކޮށް ހުޅުވުމަށާއި، ނ.އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ޙާލަތު ބަލައި، ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި، މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުގައި އުއްތަމަފަނޑިޔާރުގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރާއި، ސިވިލް ކޯޓުގެ އިސްޤާޟީ އާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ބައިވެރިވެވަޑައިގަންނަވައެވެ.