ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލް އޮޕަރޭޝަނަށް ގެނައުމަށްޓަކައި މަޝްވަރާތައް ފަށައިފި
އަހުމަދު ޝުރާއު
3/3/2024, 6:40:11 PM
އެމްއޭސީއެލްގެ އިސްވެެރިން
ރާއްޖޭގެ މައި އެއާޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް އޮޮޕަރޭޝަނަށް ގެނައުމަށްޓަކައި ސްޓޭކްހޯލްޑަރުންނާއި އެކު އެމްއޭސީއެލުން މަޝްވަރާތައް ފަށައިފި އެވެ.
އެ އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ބުނީ އާ ޓާމިނަލްގެ އޮޕަރޭޝަންސްގެ ފެށުމުގެ ގޮތުން، މިއަދު ހުޅުލެ އައިލަންޑް ހޮޓަލުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިދުމަތް ފޯރިކޮށްދެމުން އަންނަ ފަރާތްތައް ބައްދަލުކޮށްފައިވާ ކަމަށެވެ.
މިއަދުގެ މަޝްވަރާ ބައްދަލުވުން ފައްޓަވައި ދެއްވައި ވާހަކަ ދައްކަވަމުން، އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ އާ ޓާމިނަލަށް އޮޕަރޭޝަންސް ބަދަލުކުރުމަކީ ވަރަށް ފުރިހަމަކޮށް ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އަދި އާ ޓާމިނަލް ބޭނުންކުރަން ފެށުން ވީހާ ވެސް އޮމާންކޮށް ގެންދިއުމަށްޓަކައި އެއާޕޯޓުގައި ޚިދުމަތް ދެއްވާ ސްޓޭކްހޯލްޑަރުންގެ އެއްބާރުލުން މުހިއްމު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އާ ޓާމިނަލްގެ އޮޕަރޭޝަންސް ފެށުމުގެ ގޮތުން އެއާޕޯޓުގައި ޚިދުމަތްދޭ ފަރާތްތައް ހިމެނޭ ޚާއްސަ ކޮމިޓީތައް އުފެދިގެންދާނެ. އަދި މި ކޮމިޓީތަކުގެ މަޝްވަރާތަކުން އެންމެ ރަނގަޅު ގޮތުގައި މިކަން ކުރެވޭނެ މަގުފަހިވެގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.
މިއަދުގެ މިބައްދަލުވުމުގައި ސިވިލް އޭވިއޭޝަންސް އޮތޯރިޓީގެ ޑިރެކްޓަ ޖެނެރަލް ހުސެއިން ޖަލީލްގެ އިތުރުން އިމިގްރޭޝަންސްގެ އޮފިސަރުންނާއި، ކަސްޓަމްސް އޮފިސަރުންނާއި، އެއާލައިންތައް އޮޕަރޭޓްކުރާ ފަރާތްތަކުގެ އިތުރުން އެއަރޕޯޓުގައި ޚިދުމަތް ދެމުންގެންދާ ރިޒޯޓްތަކުން ބައިވެރިވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަކީ އެއާޕޯޓް ތަރައްގީކުރުމަށް މިހާރު ހިންގަމުންދާ މަޝްރޫއުގެ މުހިއްމު މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން އާ ކޯޑް-އެފް ރަންވޭ އަކާއި، ނޫވިލު ސީޕްލޭން ޓާމިނަލާއި، ވީއައިޕީ ބިލްޑިން އަކާއި، ކާގޯ ޓާމިނަލަކާއި، ފިއުލް ފާމެއްގެ އިތުރުން ފަޔަ ސްޓޭޝަނެއް ވެސް ވަނީ ގާއިމު ކޮށްފަ އެވެ.
ނުނިމި ދިގުލައިގެން ގޮސްފައިި އޮތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަޝްރޫއު، އެންމެ ލަސްވެގެން އަންނަ ސެޕްޓެމްބަރަށް ނިންމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ބުނެފައި އެވެ.
ވީއައިއޭގެ އާ ޓާމިނަލް އިމާރާތް ކުރަން ހަވާލުކުރީ ސައުދި އަރަބިއްޔާގެ ބިން ލާދިން ގްރޫޕާއެވެ. އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެންނެވެ. ޓާމިނަލްގެ ގިނަ މަސައްކަތްތަކެއް މިހާރު ވަނީ ނިމިފައި އެވެ.