ފަހަތުން އަރައި ޔުނައިޓެޑު ބަލިކޮށް، ސިޓީ އިން ފަރަގު ކުޑަކޮށްފި
ހަސަން ޝަމްއޫން
3/3/2024, 7:05:00 PM
ޔުނައިޓެޑް ކޮޅަށް ލަނޑުޖެހުމަށް ފަހު ސިޓީގެ ފޮޑެން އަދި ބެނާޑޯ ސިލްވާ އުފާފާޅުކުރަނީ
އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ސިޓީ އިން ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލާއި ދެމެދުގައިވާ ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފި އެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެންޗެސްޓާ ސިޓީން މެޗު ޑޮމިނޭޓުކުރި ނަމަވެސް މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ޔުނައިޓެޑުން ނެވެ. މިލަނޑު ފުރަތަމަ ހާފު ފެށިގެން 8 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އެވެ.
މިއީ އެޓީމުގެ ކެޕްޓަން ބުރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ސިޓީގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި އެޓީމުގެ ލީޑު ފުޅާކުރުމަށް ރަޝްފޯޑަށް ވަނީ ވަރަށް ހުސް ދެ ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ.
މިހާފުގައި މެންޗެސްޓާ ސިޓީން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ މިޑްފިލްޑަރު ފިލް ފޮޑެން އަށެވެ. އެގޮތުން ފުރަތަމަ ހާފުގެ 15 ވަނަ މިނެޓާއި 19 ވަނަ މިނެޓުގައި ލިބުނު ހުސް ދެ ފުރުސަތުގައި އޭނާ ފޮނުވާލި ދެ ހަމަލާ ވެސް ޔުނައިޓެޑްގެ ކީޕަރު އޮނާނާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މީގެ އިތުރުން ފުރަތަަމަ ހާފުގެ 34 ވަނަ މިނެޓުގައި ސިޓީގެ މިޑްފީލްޑަރު ރޮޑްރީ އަށް ޔުނައިޓެޑްގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ފުރަތަަމަ ހާފުގައި މޮޅު ކުޅުމެއް ދެއްކި ޔުނައިޓެޑްގެ ކީޕަރު އޮނާނާ އެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި މެންޗެސްޓާ ސިޓީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިގިރޭސި މިޑްފީލްޑަރު ފިލް ފޮޑެން އެވެ. މިއީ އެޓީމުގެ ސްޕެނިޝް މިޑްފީލްޑަރު ރޮޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެންޗެސްޓާ ސިޓީން މިމެޗުގައި ފުރަތަަމަ ފަހަރަށް ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ފިލް ފޮޑެން އެވެ. މިއީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ޖޫލިއަން އަލްވަރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ނޯވޭގެ ފޯވާޑް އެރްލިންގް ހާލަންޑް އެވެ.
މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 22 މެޗުގައި އޭނާ ކާމިޔާބުކުރި 18 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 27 މެޗުން މެންޗެސްޓާ ސިޓީއަށް 62 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އެއްވަނާގައި އޮތް ލިިވަޕޫލަށް 27 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު މި މެޗުން ބަލިވި މެންޗެސްޓާ ޔުނައިޓެޑުން ލީގުގައި ކުޅުނު 27 މެޗުން ލިބުނު 44 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ހަ ވަނައިގައެވެ.